މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިއްޔެއާ ހަމައަށް ޕީއެސްޕީއައި މަޝްރޫއުތަކަށް 127 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިފަދައިން ވިދާޅުވީ މި އަހަރުގެ މިހާތަނަށް ސްޕޯޓްސް މިނިސްޓްރީއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގެވެ.

ރާފިއު ވިދާޅުވީ މިދިޔަ 9 މަސްދުވަހުގެ ތެރޭގައި އެކި ޕްރޮޖެކްޓްތަކަށް ޖުމްލަ 118 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ފުޓުބޯޅަ ދަނޑުތައް، ވޮލީ ކޯޓުތައް، ފުޓްސަލް ދަނޑުތައް އަދި އައުޓް ޑޯ ޖިމް ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު ޖުމްލަ 264 މަޝްރޫއެއް ކުރިއަށްދާކަން ފާހަގަ ކުރައްވާ ރާފިއު ވިދާޅުވީ އެންމެ ފުރަތަމަ އިސްކަންދެއްވީ ހުރި ވަސީލަތްތައް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް ކަމަށެވެ. އަދި ޒޯން ސްޓޭޑިއަމްތައް މަރާމާތުކުރުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނުކަން ރާފިއު ވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ސ. ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގެ ޒޯން ސްޓޭޑިއަމް މަރާމާތުކޮށްފައިވާކަން ރާފިއު ވަނީ ފާހަގަކުރައްވާފައެވެ.

ރާފިއު ވިދާޅުވޯ އެންމެ ބޮޑު ގޮންޖެހުމަކަށްވީ މާލޭގައި ކުރިއަށްދިޔަ ފުޓްބޯޅަ މުބާރާތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އޭގެތެރޭގައި 4 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށް ނެޝަނަލް ސްޓޭޑިއަމްގެ ލައިޓްތައް މަރާމާތުކޮށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.