ބާރަށް އަދި ނުގަވައިދުން އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، ފިޔަވަޅުތައް ހަރުކަށިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ތާއީދުކުރާކަން ރާއްޖޭގެ މޮޓޯ ރޭސިން އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
އެ އެސޯސިއޭޝަންގެ ރައީސް އަލީ އައިމަން 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ބުނީ، ހުކުރު ދުވަހުގެ މެންދަމު ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިނީ ރޭސިން އެސޯސިއޭޝަންގެ މީހެއް ނޫން ކަމަށާއި، އެ އެސޯސިއޭޝަންގެ އެއްވެސް މެންބަރަކު މާލޭގައި ދުއްވައިގެން ބޮޑު އެކްސިޑެންޓެއް 2010 ވަނަ އަހަރުން ފެށިގެން މިވީހާ ދުވަހު ނުހިނގާ ކަމަށެވެ.
ނަމަވެސް، މިފަދަ ހާދިސާތަކާ ގުޅިގެން ރޭސިން އެސޯސިއޭޝަންގެ މެންބަރުންގެ ބޮލުގައި ތުހުމަތު އެޅެމުން ދާތީ އައިމަން ކަންބޮޑުވުން ފާޅުކުރިއެވެ.
"ބާރަށް [ނުގަވައިދުން] ދުއްވާ މީހަކު ވެއްޖެއްޔާ ރޭސިން އެސޯސިއޭޝަނުން މިތިބީ އެ ގޮތުގަ ހަމަ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް އަޅުގަނޑުމެން އިހްތިރާމް ކުރަން، އެހެންވީމާ ވާހަކައަކީ ރޭސިން އެސޯސިއޭޝަންގެ ބޭފުޅެއް ވިޔަސް އަދި ކޮންމެ ބޭފުޅެއް ކަމުގަ ވިޔަސް މާލޭގަ ބާރު ސްޕީޑްގަ ދުއްވައިފިއްޔާ ހަމަ އެ ފިޔަވަޅު އަޅަން ޖެހޭ، ފިޔަވަޅު އަޅަންވީ،" އައިމަން ވިދާޅުވިއެވެ.
އާންމުންގެ ކަންބޮޑުވުންތަކަށް ބެލުމަށް ފަހު، ހައްލުކުރަން ޖެހޭ ކަންކަން ހުރިކަން އޭނާ ގަބޫލު ކުރެއެވެ.
"މިސާލަކަށް ޑްރިފްޓް[ކުރާ] ކުދިން އެ ޑްރިފްޓްކުރާ ތަނުގަ ޖެހޭ ވަށާ ފާރު ރާނާ ނަރުދާ ޖަހައި ދޮރެއް ހަރުކޮށް، މިިހިރަކަހަލަ ކަންކަން ކުރަން،" އޭނާ ބުންޏެވެ.
ހަމަ އެހެންމެ އުޅަނދުފަހަރު ދުއްވުމާ ބެހޭ ގަވައިދުތައް އެކުލަވާލުމުގައި ޓެކްނިކަލް ގޮތެއްގައި ރޭސިން އެސޯސިއޭޝަނުން އެހީތެރިކަން ދެމުން ގެންދާނެ ކަމަށާއި، އެކަންކަމަށް ބަލައި ސަރުކާރުން ހައްލު ގެނެސްދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް، ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތައް ހިއްސާ ކުރަމުން އައިމަން ބުންޏެވެ.
އައިމަން ބުނީ، ރޭސިން އެސޯސިއޭޝަނަށާއި ޑްރިފްޓް އެސޯސިއޭޝަނަށް ސަރުކާރުން ދީފައިވާ ހުއްދަ ބާތިލް ކުރީ ބެލެވޭ ގޮތުގައި ޑްރިފްޓް ކުރާ ސަރަހައްދުގައި ވަށާ ފާރެއް ނެތުމާއި ދޮރާއި ނަރުދާ ނެތި، ޑްރިފްޓް ކުރުމަށް ދޫކޮށްފައިވާ ސަރަހައްދު ވަކި މިންގަނޑުތަކަކަށް ނުފެތުމުންނެވެ.
"އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ވެސް ނޫން އަދި ސަޕޯޓުކުރާ ކަމެއް ވެސް ނޫން މާލޭގެ މަގުމަތީގަ އެކަން ކުރުމަކީ (ބާރަށް ދުއްވުމަކީ)،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ރޭސް ޖެހުން ކުރިއަށް ގެންދަނީ ބަންދުކޮށްފައިވާ ސަރަހައްދެއްގައެވެ. ރޭސް ޓްރެކެއްގައި ފަރިތަކޮށް ދުއްވުމާއި މަގުމަތީގައި ދުއްވުން ތަފާތުކަން ފާހަގަ ކުރަމުން އައިމަން ވަނީ ބަންދު ކޮށްފައިވާ ސަރަހައްދުގައި ރޭސް ޖެހުމަށް އެދިފައެވެ.
އެއާއެކު ރޭސިން އެސޯސިއޭޝަނަށް ބިމުގެ ދަތިކަން ދިމާވެފައިވާކަން ފާހަގަ ކޮށް އައިމަން ބުނީ، ރޭސިން އެސޯސިއޭޝަނަށް ތިލަފުށިން ސަރަހައްދެއް ކަނޑައަޅާ ގޮތަށް މިހާރު ވާހަކަ ދެކެވިފައިވާ ކަމަށާއި، މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އައިމަން ބުނީ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ އެއް ސަބަބަކީ މަގުތަކުގައި ހަރުކޮށްފައިވާ ނިޝާންތަކަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ބަލަން ޖެހޭ ވަރަށް ނުބަލައި ދުއްވުން ކަމަށެވެ. އޭނާ ބުނީ، މަގުމަތީގައި ބަލައިގެން އުޅަނދުފަހަރު ދުއްވުމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް، މޮޓޯ ރޭސިން އެސޯސިއޭޝަނާއި ރޭސިން އެސޯސިއޭޝަނާއި ޑްރިފްޓް އެސޯސިއޭޝަނުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ދާނެ ކަމަށެވެ.
"މަގުމަތީގަ އުޅޭ އެންމެން ވެސް އެ އޮންނަ ގަވައިދުތަކަށް އެ އޮންނަ ގޮތަށް އަމަލުކުރީމަ އަޅުގަނޑަށް ހީވަނީ ހުރިހާ އެންމެން ވެސް ޑިސިޕްލިން ވީމަ މިކަހަލަ ކަންތައްތައް ވަރަށް ބޮޑަށް މަދުވެގެން ދާނެހެން،" އޭނާ ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުގެ މެންދަމު ބާރަށް ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާ އާ ގުޅިގެން، ޑްރިފްޓް އެސޯސިއޭޝަނަށާއި ރޭސިން އެސޯސިއޭޝަނަށް ދޫކުރި ހުއްދަތައް ބާތިލް ކުރައްވައި 8 ފިޔަވަޅެއް އެޅުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މި ހާދިސާ އާ ގުޅިގެން 26 އަހަރުގެ މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ.