ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ހާން އަދި ރަންބީރު ކަޕޫރުގެ ދެބޭންގެ ދަރި އާދާރު ޖެއިން އެންގޭޖް ވެއްޖެއެވެ.
އާދާރު އޭނާގެ ލޯބިވެރިޔާ އަލޭކާ އަދުވާނީ އެންގޭޖް ވެފައިވަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައެވެ. ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ ހިތްގައިމު މާހައުލުގައި އާދާރު، އަލޭކާ އަށް ޕްރޮޕޯސްކުރިއިރު އަލޭކާ ވަނީ އެ ޕްރޮޕޯސަލް ގަބޫލުކޮށް ކައިވެންޏަށް އެއްބަސްވެފައެވެ. އެންގޭޖްމަންޓް ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯތައް އާދާރުގެ އިންސްޓަގްރާމުގައި ހިއްސާކުރަމުން ބުނީ އަލޭކާ އަކީ އޭނާގެ ފުރަތަމަ ކްރަޝް ކަމަށާއި އޭނާ އަކީ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.
ދެ މީހުން ޑޭޓްކުރަމުން އަންނަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ. މީގެ ކުރިން އާދާރު ލޯބީގެ ގޮތުން ގުޅުނީ 2019 ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ތާރާ ސުތައިރާ އާއެވެ. އާދާރު އާއި ތާރާ މީގެ ކުރިން އެއްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާއިރު ތާރާ ވަނީ ކަޕޫރު ހާންދާނުގެ ހަފްލާތަކުގައި ވެސް ބައިވެރިވެފައެވެ. އަދި ދެމީހުންގެ ކައިވެނީގެ ވާހަކަތައްވެސް އޭރު ވަރަށް ގަދައަށް ދެކެވުނެވެ.