ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގައި ބަންކަރިންގެ ހިދުމަށް ފެށުމަށް ގެންން 2 ބޯޓު އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެކަމަށް އެސްޓީއޯ ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯ އިން ބަންކަރިން ހިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޝިމާދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށް ރާއްޖެ ގެންނަ ދެބޯޓު މިހާރު އޮތީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށާއި މި 2 ބޯޓަށް މިމަހުގެ 8 ވަނަ ދުވަހު މާލެ އާދެވޭނެކަމަށެވެ. އަދި މި ދެ ބޯޓު މިމަހުގެ 11 ނުވަތަ 12 ވަނަ ދުވަހު ރާއްޖޭގެ އުތުރަށް ގެންދެވޭނެކަމަށް ޝިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިމާދު ވިދާޅުވީ މިއިން ކޮންމެ ބޯޓެއްގައި ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އެބަހުރިކަމަށާއި މި ބޯޓުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިއުލް ޑިސްޓްރިބިއުޓް ކުރަންވެގެން ބަހައްޓަންޖެހޭ ފިއުލް ބަހައްޓަންވެސް ވަރަށް މުހިންމު ބޯޓުތަކެއް ކަމަށެވެ. މި ހިދުމަތް އެންމެ ފުރަތަމަ ފަށައިގަންނަނީ އެންމެ ބޮޑު ސައިޒުގެ ބޯޓުތަކުން ނޫންކަން ފާހަގަކޮށް ޝިމާދު ވިދާޅުވީ ވިޔަފާރި އިތުރަށް ފުޅާކުރެވެމުންދާ މިންވަރުން ބޯޓުތައް އިތުރަށް ބޮޑު ކުރަމުން ދާނެކަމަށެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމާއި ގުޅޭ ގޮތުން، އިއްޔެ އެމްޕީއެލް އިން ބުނީ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް އަންނަ ހަފްތާގައި ފަށާނެކަމަށެވެ. އެކަމާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރަމުން ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތް ދިނުމުގައި އުޅޭ މުވައްޒަފުންނަށް ހާއްސަ އިމާރާތް، "އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" އަންނަ ހަފްތާގެ ބުދަ ދުވަހު އުލިގަމުގައި ހުޅުވާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހުއެވެ.