ސައުދީ އަރަބިއްޔާގެ ޝާހީ ހާންދާނަށް ނިސްބަތްވެ ވަޑައިގަންނަވާ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވުމާ ގުޅިގެން މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ފޮނުއްވި މެސެޖުގައި ވަނީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި އާއިލީ ހިތާމަތަކަށް ކޮންމެވެސް ވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

އަދި ރަސްގެފާނަށާއި، ޝާހީ އާއިލާއަށް ކެތްތެރިކަމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ތައުޒިޔާގެ މެސެޖުގައި ރައީސް ވަނީ މަރްހޫމާގެ ފުރާނަފުޅަށް ރަހުމަތް ލެއްވުން އެދި ހެޔޮ ދުއާ ކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ފާހަގަ ކުރައްވާފައެވެ.

އަދި ހަމައެހެންމެ މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލައްވައި، މަރުހޫމާގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރައްވާފައެވެ.

އަދި ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންވެސް ރައީސް ވަނީ ދުއާ ދަންނަވާފައެވެ.

އަލްއަމީރާ ލަތީފާ އަވަހާރަވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެކަމަނާގެ ޖަނާޒާ ބާއްވާފައި ވަނީ، ބުދަ ދުވަހުއެވެ. އަމީރާ އަވަހާރަވުމުގެ ހިތާމާއިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގައުމުތަކުގެ އިސްވެރިން ދަނީ ސައޫދީގެ ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.