ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ކުރިއަށް ދާ ހަނގުރާމައިގައި ރަޝިއާއިން ދިން ހަމަލާއެއްގައި ޔޫކްރައިންގެ 5 މެންބަރުންގެ އާއިލާއަކުން ބައްޕަ ފިޔަވައި އެންމެން މަރުވެއްޖެއެވެ.

ރަޝިއާގެ ހަމަލާތައް ޔޫކްރައިން ގެ އެކި ސަރަހައްދުތަކަށް އަމާޒު ކުރަމުން ދާ މިދަނޑިވަޅުގައި އެ އާއިލާގެ މެންބަރުން މަރުވީ, ޕޮލާންޑާ އިންވެގެން އޮންނަ ލަވީވް އަށް ދިން ހަމަލާއެއްގައެވެ.

އެ ސިޓީގެ މޭޔަރާ ހަވާލާދީ ހަބަރުތަކުން ބުނާގޮތުން ލަވީވް އަށް އަމާޒު ވި ރަޝިއާގެ ހަމަލާ ދީފައި ވަނީ ޑްރޯން އާއި ހައިޕަސޮނިކް މިސައިލުންނެވެ. މި ހަމަލާގައި ޖުމްލަ 7 މީހަކު މަރުވި އިރު އެއް އާއިލާއަކުން ފިރިހެން މީހާ [ކުދިންގެ ބައްޕަ ފިޔަވައި] އެންމެން ވަނީ މަރުވެފައެވެ. އެމީހުންނަކީ 3 ކުދިންނާއި އެ ކުދިންގެ މަންމައެވެ. އެ 3 ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރު, 18 އަހަރު އަދި 7 އަހަރުގެ 3 އަންހެން ކުދިންނެވެ.

މި ހާދިސާ އާ ގުޅިގެން ލަވީވް އާއި މުޅި ޔޫކްރައިން އަށް ސިހުން ގެނުވާފައި ވާ އިރު އުމުރުން 18 އަހަރުގެ ދަރީނާ, ލަވީވްގެ ކޮލެޖަށް ވަނުމަށްޓަކައި ފުރާފައިވާ ފޯމުގައި އޭނާގެ އާއިލާ އާ ބެހޭގޮތުން ލިޔެފައިވާ އިބާރާތް ކޮޅަކަށް ވަނީ ސަމާލުކަން ހުއްޓިފައެވެ. އޭގާއި އޭނާ ބުނެފައި ވަނީ, ލަވީވް އަކީ ހަމަޖެހުމެއް ނެތް ސުލްހަވެރިތަނެއް ކަމަށާއި, އޭނާގެ އާއިލާ އަކީ, އާދަޔާ ހިލާފަށް އެކުވެރި ގުޅުން ބަދަހި އާއިލާއެއް ކަމަށެވެ. އެއީ އޭނާގެ މުޅި ހަޔާތުގެ އެންމެ މުހިންމު ތަނބު ކަމަށާއި ދިމާވި އަދި ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވެދޭ މިތުރުން ކަމަށެވެ.

މި ހާދިސާގައި ފުރާނަ ސަލާމަތްވި ހަމައެކަނި މީހަކީ އެކުދިންގެ ބައްޕައެވެ. އޭނާ ސަލާމަތްވި ކަމަށް ވަނީ ރަޝިއާގެ ހަމަލާ އެރި ވަގުތު އޭނާއަށް ހުރެވުނީ ގޭގެ މަތީ ފަންގިފިލާގައި ހުންނަ މާސްޓާ ބެޑްރޫމްގައި ކަމަށް ވެފައި ހަމަލާ އެރުމާއެކު ގެ ވެއްޓުނު ވަގުތު އޭނާއަށް ގޭގެ ސިޑިމައްޗަށް ވާގޮތަށް ހުރެވުމުގެ ސަބަބުން ކަމަށެވެ. އެވަގުތު އާއިލާގެ އެހެން މެންބަރުން ތިބީ ގޭގެ އެންމެ ތިރީބުރީގައި ކަމަށް ވެފައި ގެ ވެއްޓުނީ އެމީހުންގެ ބޯ މައްޗަށް ކަމުން އެންމެން ފިތިގެން މަރުވީއެވެ.