ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރަން ކަމަށް ބުނެ ދައުރު ކުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުންގެ ހިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މީސް މީޑިއާގެ މަންސަ ތަކުގައި ދައުރުވަމުންދާ އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.
އެގޮތުން އެ ރިޕޯޓާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ރިޕޯޓްގައި ބޭނުންކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުންކުރާ ހެޑާ ދިމާނުވުމުގެ އިތުރުން ދައުރުވަމުންދާ ސައްހަނޫން އެ ރިޕޯޓުގައި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުން ގެންދަވާ، ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖްކޮށްގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ރިޕޯޓް އުފެއްދައި ދައުރު ކުރަމުންދާ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގަައި ތަހުގީގު ކުރަމުންދާކަން ފާހަގަކޮށް އެ އިދާރާއިން ބުނީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެކޮމިޝަނުން މި ހިދުމަތުގައި އެދިފައިވާތީ، އެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި އާންމުންގެ މެދުގައި އެކި ފަރާތްތަކާ މެދު ނުބައި ތަސައްވަރު އުފެދޭ ގޮތަށް ފަތުރާ މިފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރި ނުވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.