ގަވާއިދާ ހިލާފަށް ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ތަނެއް އިމިގްރޭޝަނުން ރެއިޑްކޮށް ބިދޭސީންތަކެއް ހައްޔަރު ކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުން ކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރު ކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މައުލޫމާތަކއި ގުޅިގެން އިއްޔެ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި ރެއިޑުގައި ބަލައި ފާސްކުރި ދެވަނަ ތަނުގައި ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށާއި އެހެން ކަމުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާއެކު އެތަނުގައި ހިންގަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މިރެއިޑުގައި ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގޮންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު ގިނަ އަދަދެއްގެ ބިދޭސީން މިހާރުވެސް ވަނީ ޑީޕޯޓުކޮށްލާފައެވެ.

އަދި މި އޮޕަރޭޝަންތައް ހިންގަން ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީން އަތޮޅުތަކުގެ ރަށްތަކަށް ހިޖުރަ ކުރަމުންދިޔުމާ ގުޅިގެން ދާދިފަހުން އިމިގްރޭޝަނުން ވަނީ އެކަމަށް އިސްކަން ދީގެން އޮޕަރޭޝަންތައް ފުޅާކޮށްފައެވެ. އެގޮތުން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓެއް ބަލާ ފާސްކޮށް، ގަވާއިދާ ހިލާފަށް ތިބި 09 މީހުންނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައި ވެއެވެ.