ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލު ކުރުމުގެ ވިސްނުންފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެޗްޑީސީއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މާޖް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ފަހު މިއަދު ކެބިނެޓްގައި އަދި ނުނިންމަވާ ނަމަވެސް ރައީސް ވިސްނަވާ ގޮތެއް ކަމަށް ވިދާޅުވެ ހައިދަރު ވަނީ އެ ވާހަކަ ހިއްސާ ކުރައްވާފައެވެ.
އެޗްޑީސީ އަކީ ހައުސިން ޑިވެލޮޕްމަންޓް ޔުނިޓްގެ ގޮތުގައި އުފެދުމަށް ފަހު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށް އޭގެ ފަހުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށްފައިވާ ކުންފުންޏެކެވެ. ހައިދަރު ވިދާޅުވީ، ޔުނިޓަކުން ކޯޕަރޭޝަނަކަށް ބަދަލުވެފައިވާ އެ ކުންފުންޏަކީ މާސްޓާ ޑިވެލޮޕްމަންޓް ނުވަތަ އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫތަކުގެ ތެރެއިން މެދު ފަންތި އާއި މަތީ ފަންތި ނުހިމަނާ އަސާސީ ބޯހިޔާ ވަހިކަމުގެ މަޝްރޫތައް ކުރިއަށް ގެންދަންޖެހޭ ކުންފުންޏަކީ އެފްޑީސީ ކަމަށް ހައިދަރު ވިދާޅުވިއެވެ. ނަމަވެސް ހިޔާ މަޝްރޫއު ފަދަ އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެޗްޑީސީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.
އަދި އަސާސީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިގެން އެޗްޑީސީއަށް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށާއި އެހެންކަމުން އެފްޑީސީއަށް އެކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ. މި ނިންމުމާ އެކު އެފްޑީސީ ދެން އޮންނާނީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަމަށް ހައިދަރު ވިދާޅުވިއެވެ.
އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެފްޑީސީ ހަމަޖައްސަން ނިންމާފައިވާ އިރު، އެމްއޭސީއެލް އާއި ރީޖަނަލް އެއާޕޯޓްސް މި ދެ ކުންފުނި މާޖް ކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ނިންމުންތަކަކީ ކުންފުނިތަކަށް ފައިދާ ކުރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެއް ބާވަތެއްގެ މަސައްކަތް ކުރާ ކުންފުނިތައް ހުރުމުން އެއްކަމެއް ތަކުރާރުކޮށް ކުރަންޖެހޭ ޖެހުން ނިމުމަކަށް އައިސް މަސައްކަތް ހަލުވި ވެ ފަސޭހަވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.