ޔޫކްރައިން އަށް ހަމަލާދީ ރަޝިއާއިން ކުރިއަށް ގެންދާ ހަނގުރާމައިގައި ހަނގުރާމައިގެ ޖަރީމާ ހިންގެވިކަމުގެ ކުށް ސާބިތުކޮށް ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނިކޮށް އަންނަ ހަފްތާގައި ޕުޓިން މޮންގޯލިއާ އަށް ވަޑައިގަންނާތަނުން ހައްޔާރު ކުރުމަށް އައިސީސީ އިން ގޮވާލައިފިއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބުނީ, އަންނަ ހަފްތާގެ އަންގާރަ ދުވަހު ޕުޓިން މޮންގޯލިއާ އަށް ވަޑައިގަންނަވާ އިރު, އައިސީސީގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން އޭނާ ހައްޔަރު ކުރަން މޮންގޯލިއާ އަށް މަޖުބޫރުވާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން މޮންގޯލިއާ އަށް މިކުރައްވާ ދަތުރަކީ ކޮންކަމަކަށް ކުރައްވާ ދަތުރެއްކަން އަދި ސާފުވެފައި ނެތް ނަމަވެސް, މިއީ އައިސީސީ އިން އަމުރު ނެރުނު ފަހުން އެ ކޯޓުގެ މެންބަރު ގައުމަކަށް ޕުޓިން ކުރައްވާ ފުރަތަމަ ދަތުރެވެ.

މި ދަތުރާ ގުޅޭ ގޮތުން ކްރެމްލިން އިން ބުނީ, މޮންގޯލިއާ އަށް ޕުޓިން ވަޑައިގަންނަވަނީ ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް ހަމަޖައްސައިގެން ކަމަށާއި, އެކަމުގައި މޮންގޯލިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

ޕުޓިންގެ މިދަތުރާ ގުޅޭ ގޮތުން މޮންގޯލިއާ އިން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު ޔޫކްރައިން ގެ އޮފިޝަލުން ބުނެފައި ވަނީ, ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ކޯޓުން ނެރެފައިވާކަން މޮންގޯލިއާ އަށް އެނގޭ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހައްޔަރު ކުރުމުގެ އަމުރު އޮއްވާ މިދިޔަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ސަމިޓަކަށް ވަޑައިގަތުމަށް ތާވަލު ކުރުމަށް ފަހު އެ ދަތުރު ޕުޓިން ކެންސަލް ކުރެއްވިއެވެ. އޭރު އެކަން އެގޮތަށް ކުރެއްވީ ދެކުނު އެފްރިކާގެ ރައީސް ރަމަޕޯސާ, ޕުޓިން ހައްޔަރު ނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި އަސްކަރިއްޔާގެ ތެރޭގައި އެކަމާ ހިޔާލު ތަފާތުވެ ޕުޓިން ހައްޔަރު ކުރުމުގެ ރޫހެއް އުފެދިގެން ދިޔުމާ ގުޅިގެންނެވެ.