ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދިޔަ ފަރާތެއް ކަމުގައިވާ "ރަޖަނީ ޝްރެސްތާ" ނުވަތަ އާއްމުކޮށް ކިޔާ ނަމުން ނަމަ 'ރިޒް' ޑީޕޯޓް ކޮށްލީ ވިސާ ވައިލޭޝަންގެ ބައިވަރު އަމަލުތަކެއް ހިންގާފައިވާތީ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރިޒް ޑީޕޯޓް ކޮށްލީ މައްސަަލައިގައި އޭނާގެ ދިފާއުގައި ސޯޝަލް މީޑިއާގައި އަންނަނީ އެތައް ބަޔަކު ދިވެހި ފުލުހުންގެ މުއައްސަސާއާއި އިމިގްރޭޝަން އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން މިއީ އޮޅުވާލައިގެން މައުސޫމް މީހަކު ޑީޕޯޓް ކޮށްލުމަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންގައި ބަލަމުން އަންނަނީ ބޮޑެތި ކުށްތައް ކުރާ މީހުންނަށާއި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ވިޔަފާރި ހިންގާ ފަރާތްތަކަށާއި، އަދި އާންމު ސިއްހަތަށް ގެއްލުންވާ ފަދަ ގޮތްގޮތަށް އަމަލު ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ. މިއީ މި ވަގުތު ހިފަހައްޓާ ހައްޔަރުކޮށް ޑީޕޯޓް ކުރާ ތިން ކެޓަގަރީގެ މީހުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ރިޒްގެ މައްސަލައިގައި އިހުސާން ވިދާޅުވީ، އޭނާ މަސައްކަތް ކުރަމުން ދިޔަ ސެލޫންގެ ކައުންޓަރުގައި ފައިސާ ޖަމާކުރުމަށް އެކައުންޓް ނަންބަރު ޖަހާފައިވާ ގަނޑުކޮޅުގައި ޖަހާފައި ވަނީ އޭނާ އާ ގުޅުން ހުރި ރާއްޖޭގައި މަސައްކަތް ކުރާ އެހެން ބިދޭސީ މަސައްކަތް ތެރިއެއްގެ އެކައުންޓް ނަންބަރު ކަމަށެވެ. މިއީ އޭނާ ދިން ބަޔާނުގައި ވެސް އެއްބަސްވެފައިވާ ކަމެއް ކަމަށާއި މިއީ ވިސާ ވައިލޭޓް ކުރުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ރިޒް ޑީޕޯޓް ކުރީ މި ސަބަބާ ހުރެ ކަމަށާއި، އޭނާ ވިޔަފާރި ކުރިކަން މިކަމުން ސާބިތުވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ވިޔަފާރިއަށް ފައިސާ ވަންނަމުން ދިޔައީ އެ ވިޔަފާރީގެ ވެރިފަރާތަށް ނުވަތަ ކުންފުނީގެ އެކައުންޓަށް ނޫން ކަމަށް އިހުސާން ފާހަގަ ކުރެއްވިއެވެ.

އޭނާ އަކީ މީހެއްގެ ބެލުމުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އައިސްފައި ހުރި މީހެއް ކަމަށާއި އޭނާ އަށް ރާއްޖޭގައި ވިޔަފާރި ނުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ރިޒްގެ ދިފާއުގައި ރާއްޖޭގެ އެތައް ރައްޔިތުންނެއް އަޑުއުފުލަމުންދާތީ، މި މައްސަލައިގައި ހިންގި ތަހުގީގަށް އެމީހާ އަކީ ވިޔަފާރި ހިންގަމުންދާ މީހެއް ކަން ސާފުވުމުން ޑީޕޯޓު ކޮށްލީ ކަމަށް އިހުސާން ވިދާޅުވިއެވެ.

ވިސާ ވައިލޭޝަނެއް ވެއްޖެނަމަ އެއީ ކިހާވަރެއްގެ ވައިލޭޝަނެއް ތޯ ނުބަލާ ކަމަށާއި ވިސާ ދޭ އިރު އެމީހަކަށް ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. ރިޒް ދިން ބަޔާނުގައި ވިސާ ވައިލޭޓް ކުރި ބައިވަރު ކަންކަން ފެނިފައިވާ ކަމަށް ވެސް އިހުސާން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި އެއްވެސް ވިޔަފާރިއަކުން ލިބޭ ފައިސާއެއް ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރުމުގެ ހުއްދަ ނޯންނާނެ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ. ފަހުން ވިޔަފާރީގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާ ކުރާ ގޮތަށް ކަމަށް ބުނި ކަމުގައި ވިޔަސް އެކަން ބަލައި ނުގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވިޔަފާރި ކުރާ ނަމަ ވިިޔަފާރި ހިންގާ ފަރާތުގެ އެކައުންޓަށް ނުވަތަ އެ ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ސަމާލުވުމަށް އިއުސާން އިލްތިމާސް ކުރެއްވިއެވެ.

ރިޒްއާ ބެހޭ ގޮތުން 'އިމިގްރޭޝަން ވޮޗް' އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އޭނާ ފާސްކޮށް އިމިގްރޭޝަނުން އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އޭނާގެ މައްސަލަ ބެލުމަށް ފަހު ޑީޕޯޓް ކޮށްލާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.