ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަން އަތޮޅުތެރޭގެ ރަށްރަށަށް ފުޅާ ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ބިދޭސީން ފިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ބައެއް ބިދޭސީން ކުޅުދުއްފުށްޓަށް ހިޖުރަކުރަމުންދާކަމުގެ މައުލޫމާތު ކައުންސިލުން ދީފައިވާކަމަށެވެ. އެހެކަމުން މިފަދައިން ފިލާ ބިދޭސީން އަތުލައިގަތުމަށް މި އޮޕަރޭޝަންތައް އަތޮޅު ތެރެއަށް ފުޅާކުރާނެ ކަމަށް ޝައްމާން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ ރެއިޑް އޮޕަރޭޝަންތަކާއި މި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތައް އަޅުގަނޑުމެން އަތޮޅު ތެރެއަށް ފުޅާ ކުރާނަން. އޭރުން މުޅި ހައްލެއް ތިކަމުގައި ރަށްރަށަށް ވެސް ދެވިގެންދާނެ ކަމަށް ގަބޫލު ކުރަނީ،
މުހައްމަދު ޝަމްއާން

މީގެއިތުރުން ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުވުމަށް ބައެއް ދިވެހިން މަސައްކަތް ކުރާކަމަށް ފާހަގަވެފައިވާކަމަށާއި، ގަވާއިދާ ހިލާފަށް އުޅޭ މީހުން ފޮރުވައިގެން ގެންގުޅުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޝަމްއާން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށާފައިވާއިރު މި އޮޕަރޭޝަންގެ ދަށުން މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ އިދާރާއިން ގުޅިގެން ދަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފާ ހައްޔަރު ކުރަމުންނެވެ.

އެގޮތުން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 257 ތަނެއް ރެއިޑުކޮށް 3،322 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މި މައްސައްކަތުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދާ ފަރާތްތަކުގެ އިތުރުން މުޑުދާރު ކޮށް ކާތަކެތި ހަދާ ފެކްޓްރީތައް ހިންގަމުންދިޔަ މީހުންވެސް ހިމެނެއެވެ.