ދިވެހިރާއްޖޭގައި އުޅުއްވާ ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ އަދި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރުކޮށްފައި ވަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެތައް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވާ، އެބޭފުޅާ އަދި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި އެގޮތަށް ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމުގައި ޝަހީމް ވިދާޅުވިއެވެ.
ފަލަސްތީނުގައި ހިންގަމުން އަންނަ ގަތުލްއާންމާ ދެކޮޅަށް އާންމުންގެ ބައެއް ފަރާތްތަކުން އަންނަނީ ބައެއް އެމްބަސީތައް ދޮށަށް އެއްވެ އަޑުއުފުލަމުންނެވެ. އަދި އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ހުށަހެޅި އިސްލާހު ފާސްކުރުން ލަސްވުމާ ގުޅިގެން ވެސް އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.