މާލޭގައި ހިންގާ ކެފޭއެއް ކަމަށް ވާ 'ނެޗުރަލް ކެފޭ' އަށް، މުޑުދާރުކޮށް އޮތް ބަދިގެއަކުން ގަވައިދަށް ނުފެތޭ ގޮތަށް ބިދޭސީންތަކެއް ކާބޯތަކެތި ހަދާ މައްސަލައެއް އިމިގްރޭޝަން އަށް ރިޕޯޓް ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، އެ ބަދިގެއަކީ މެދުޒިޔާރަތް މަގުގައި މަޖިލިސް ކައިރި ގޯޅިގަނޑުގެ އެތެރެބައިގައި ހުރި ގޭގައި ހަދާފައިވާ ބަދިގެއެއް ކަމަށެވެ. އެތަނުން ނެޗުރަލް ކެފޭ އަށް ކާބޯތަކެތި ތައްޔާރުކުރާ ކަމަށާއި އަދި އެއީ ހުއްދައެއް ނެތި, ގަވާއިދަށް ނުފެތޭ ގޮތައް ކާއެއްޗެހި ތައްޔާރު ކުރަމުން ދާ ތަނެއް ކަމަށެވެ. އަދި އެތަނުގެ މައްސަލަ ވާނީ އިމިގްރޭޝަނަށް ރިޕޯޓް ކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ އެ މީހުން ކާބޯތަކެތި ހަދަމުން ދިޔަ ވަގުތު އެތަނުގެ ތެރެ ފެންނަ ވީޑިއޯ ވެސް އާންމު ކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ މަންޒަރަށް ބަލާއިރު، އެތަނުގެ ތެރެއަށް ވަންނަ އިރު އެ ތަނަކީ ސާފުތާހިރުކަން ކުޑަ ތަނެއް ކަން ފާހަގަ ވެއެވެ. އަދި އެތަނުގައި ކާބޯތަކެތި ހަދާ ތަނަށް ވަންނަ އިރު އެތަނުގެ ތެރޭގައި ދެ ބިދޭސީން މަސައްކަތުގައި އުޅެއެވެ.
ދެ ފަރާތުގައި ޓްރޭތަކުގައި އެކި ބާވަތްތަކުގެ ހެދިކާތައް އަތުރައިގެން ތިބެ، ކާބޯތަކެތި ތައްޔާރު ކުރުމުގައި ބިދޭސީން ތިބި އިރު އެމީހުން ތިބޭ ގޮތާއި އެމީހުން ކާބޯތަކެތި ތައްޔާރު ކުރާ ތަނުގައި ސާފުތާހިރުކަން ނެތްކަން ފެނިގެން ދެއެވެ.
ހަމައެއާއެކު މއ. އަންނާރުގޭގައި ގަވާއިދާ ހިލާފަށް ހުއްދަ ނެތި ކާބޯތަކެތި ވިއްކަމުން ދާ ބިދޭސީންގެ މައްސަލައެއް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އިމިގްރޭޝަނަށް ރިޕޯޓް ކޮށްފައެވެ. އެ ގޭގައި ކުޑަ ތަންކޮޅެއްގައި ބަދިގެ ހަދައިގެން ބޮޑެތި ތެލިތެލީގައި ކައްކާފައި ހުރި ތަކެތި ބަހައްޓާފައި ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސިޓީ ކައުންސިލުން ވަނީ އާންމު ކޮށްފައެވެ.
މީގެ އިތުރުން ހުރަވީ ގޯޅިތެރޭ ގަވާއިދާ ހިލާފަށް ގެސްޓް ހައުސް ވިޔަފާރި ކުރަމުންދާ ކަމަށް މައުލޫމާތު ލިބިގެން ސިޓީ ކައުންސިލުން ވަނީ އެތަން ބަލާ ފާސްކޮށްފައެވެ. ކައުންސިލުން ބުނީ އެ ތަނުގައި ސިނގިރޭޓް އަދި އެނާޖީ ޑްރިންކް ވިއްކަމުންދާ ކަމަށާއި އެ މައްސަލަ ވެސް އިމިގްރޭޝަނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ހޯދާ ހައްޔަރު ކޮށް ޑީޕޯޓް ކުރަން ޖެހޭ ހާލަތުގައި ޑިޕޯޓް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި ހަދައިގެން ވިއްކާ މައްސަލަ އަންނަނީ އާންމުކޮށް ފެންނަމުންނެވެ.
ގަވައިދާ ހިލާފުވެފައިވާ ފަރާރްތަކާއި ތަންތަން ދެނެގަތުމަށް އިމިގްރޭޝަނުން ފަށާފައި ވާ އޮޕަރޭޝަން އިތުރަށް ފުޅާކޮށް މިއަދު ވަނީ 211 އޮފިސަރުންގެ ޓީމެއް މާލެ ސަރަހައްދުގެ އެކިއެކި ތަންތަން ބަލައި ފާސްކުރުމަށް ނިކުމެފައެވެ.