ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތައް އުމްރާއަށް ފޮނުވުމުގެ މަޝްރޫއު އިފްތިތާހުކޮށް، އުމްރާއަށް ފޮނުވާ ފުރަތަމަ ހާފިޒަށް އެކަމުގެ ލިޔުން އަރުވައިފިއެވެ.

މި މަޝްރޫއުގެ ދަށުން އުމްރާ ދަތުރުގެ ފުރުސަތު އަރުވާފައިވަނީ އަލްހާފިޒް އަލީ ރައީފު އަށެވެ. އޭނާއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި މަޝްރޫއު އިފްތިތާހް ކޮށްދިނުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ފުރަތަމަ އުމްރާގެ ދަތުރު އެރުވިފައިވަނީ ވަރަށް ހާއްސަ ހާފިޒެއްކަމަށާއި އެގޮތުން ރައީފުއަކީ އެއްވަނަ ދަރަޖައިގައި ގުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ފަރާތެއް ކަމަށެވެ.

އަދި، މި ކަމަށްޓަކައި ރައީފަށާއި ރައީފްގެ މައިންބަފައިންނަށް ވަޒީރު ވަނީ ތަހުނިޔާއާއި މަރުހަބާ ދަންނަވާފައެވެ.

ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތައް އުމްރާއަށް ފޮނުވުމުގެ މަޝްރޫއު އިފްތިތާހުކުރުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މީގެ އިތުރުން ވަޒީރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށާއި މިކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ކުރައްވާކަމެއް ކަމަށެވެ.

ގުރުއާން ހިތުދަސް ކުރާ ފަރާތްތައް އުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިއުލާން ކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.