ނޭނގިގެން ހެދޭ ގޯސްތައް ހޯދާ އިސްލާހުކުރުމަށް އިންޓާނަލް އޮޑިޓް ރަނގަޅުވާން ޖެހޭ ކަމަށް ސިޓީސް، ލޯކަލްގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމާއި ކައުންސިލުތަކުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކައުންސިލުތައް ހިންގުން ހަރުދަނާކުރުމާ ގުޅޭ 3 ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުގެ އިންޓާނަލް އޮޑިޓް ވަރުގަދަވާން ޖެހޭ ކަމަށެވެ. އަދި ގަސްތުގައި ކައުންސިލްތަކުން ގޯހެއް ހައްދަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ނޭނގިގެން ހެދޭ ގޯސްތައް ހޯދާ އިސްލާހުކުރުމަށް އިންޓާނަލް އޮޑިޓް ރަނގަޅުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަށްޓަކައި އަތޮޅު ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓް ހެދުމުގެ ގާބިލްކަން އިތުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އެމްއެންޔޫއިން ކުރި ދިރާސާއިން ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ހިނގައްޖެ ކަމަށާއި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ކައުންސިލުތަކަށް މިފަދަ ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމްއަކީ ސިޓީސް، ލޯކަލްގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ ގުޅިގެން އެލްޖީއޭގެ ފަރާތުން އޮންލައިންކޮށް ހިންގާ ތަމްރީނު ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމުގައި މާލެ އަތޮޅު، އަރިއަތޮޅު އުތުރުބުރި، އަރިއަތޮޅު ދެކުނުބުރި، ފެލިދެ އަތޮޅު އަދި މުލަކަތޮޅުގެ 40 ރަށެއްގެ ރަށު ކައުންސިލުގެ އިތުރުން އެ 5 އަތޮޅުގެ އަތޮޅު ކައުންސިލުން ޖުމްލަ 170އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެއެވެ.