ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ރޭ ސިންގަޕޫރަށް ވަޑައިގެންފިއެވެ.

ނަމަވެސް ރޭ ބޭއްވި ޕީއެންސީ ހަރުގޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސިއްހީ ފަރުވާއަށް ދެ ދުވަހަކަށް ސިންގަޕޫރަށް ފުރާވަޑައިގަންނަވާކަން ހާމަ ކުރައްވާފައެވެ.

ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބިވަޑައިގެންނެވި އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކެވުމަށް ފަހު "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމުގެ ބޭނުންފުޅު ވެވަޑައިގަތުމުގެ އިތުރުން މީގެ ދެތިން އަހަރު ކުރިން ހެއްދެވި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ހާލުކޮޅާ މެދު ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ހަބަރުތައް ފަތުރަމުންދާތީ އެމަނިކުފާނު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް އަނިޔާ ލިބިވަޑައިގެންނެވި ނަމަވެސް ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް ވިދާޅުވިއެވެ.