ގަވައިދާ ހިލާފަށް ބިދޭސީންތަކެއް މާލޭގައި ވިޔަފާރިކުރަމުން ދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ގެއެއް ފާސްކޮށް 15 ބިދޭސިއަކު އަތުލައިގެންފިއެވެ.

ފޮޓޯ އާންމުކޮށް 'އެކްސް'ގައި އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސާފުތާހިރުކަމެއް ނެތި ބިދޭސީންތަކެއް ވިޔަފާރިކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހ. ބިއަންކާ ފާސްކޮށްފައިވާ ކަމަށެވެ.

އެ ގެ ފާސްކޮށް 15 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ ގޭގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާ ކަމަށް އެ އިދާރާއިން ކުރި ޕޯސްޓްގައިވެއެވެ.

ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން 'އިމިގްރޭޝަން ވޮޗް'ގެ ނަމުގައި ޕޯޓަލެއް ތައާރަފްކޮށް، އެ ހިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން ފުޅާކޮށްފައިވަނީ މިދިޔަ މަހުގެ މެދުތެރެއިންނެވެ. އެ އޮޕަރޭޝަންގެ ދަށުން އިމިގްރޭޝަނަށް ލިބެމުންދާ މައުލޫމާތުގެ އަލީގައި ގިނަ ތަންތަން ބަލައި، ބިދޭސީން އެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.