ބުޅާ މަހުން ކާބޯތަކެތި ވިއްކާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ހެލްތް މިނިސްޓްރީ އަށް ލިބިފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ވަނީ އަރްފަތު ހޮސައިން ނަމަކަށް ކިޔުނު ބިދޭސީއަކު ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ މައްސަލަ ފެންމަތިވެފައި ވަނީ މީސްމީޑީއާގައި ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން މިފަދަ މައްސަލައެއް ރިޕޯޓު ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއްގެ ރިޕޯޓެއް މިނިސްޓްރީ އަށް ހުށަހަޅާފައި ނުވީ ނަމަވެސް އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާއިރު، ތަހުގީގުކުރާ އިދާރާތަކާ ގުޅިގެން ވަރަށް ކައިރިން އެކަން ބަލަމުންދާ ކަމަށެވެ.
މިފަދަ ކަމެއް އެނގި ނުވަތަ ޝައްކުކުރެވޭ ހާލަތެއްގައި ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ބަދަލުގައި މިނިސްޓްރީއަށް އެކަން ހުށަހެޅުމަށް މިނިސްޓަރު ހަލީލް ވަނީ އެދިވަޑައިގެންފައެވެ. ހަލީލް ވިދާޅުވީ ރިޕޯޓް ކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާއަށް އެ ފޮޓޯއެއް ނުވަތަ ޕޯސްޓެއް ލުމުން އޭގެން ނުކުންނަ ނަތީޖާ ގޯސްކަމަށެވެ.
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ މައްސަލައިގައި އަރްފަތު ހޮސައިންގެ ވަނަވަރު ހާމަކޮށްފައިވަނީ ފެލިން ވެލްފެއާ އޯގަނައިޒޭޝަން ނަމުގައި 'އެކްސް'ގައި ހަދާފައިވާ އެކައުންޓަކުންނެވެ. މި އެކައުންޓުގައި އަރްފަތަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމާއި، އޭނާ އަންނަނީ ބުޅާ މަސް އަޅައިގެން ކާބޯތަކެތި އުފައްދަމުން ކަން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި ފުލުހުން އޮގަސްޓު 20 ވަނަ ދުވަހު ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 32 އަހަރުގެ އަރްފަތު ހޮސައިން ހައްޔަރު ކޮށްފައެވެ.