އިއްޔެ ރާއްޖޭގެ އެންމެން ސިހުމަކަށް ގެނައީ ބުޅާ މަހުން ކާބޯތަކެތި އުފައްދާ އޭގެ ވިޔަފާރި ކުރަމުންދިޔަ އަރަފާތު ހޮސައިންގެ ވާހަކަ އިންނެވެ. ބަންގަލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރާ ކަމަށް ޝައްކު ކުރެވޭ މައްސަލަ ފެންމަތިވެފައި ވަނީ ސޯޝަލް މީޑިއާގައެވެ.

ފެލިން ވެލްފެއާ އޯގަނައިޒޭޝަން ނަމުގައި އެކްސްގައި ހަދާފައިވާ އެކައުންޓަކުން އެމީހާގެ ވަނަވަރު އާންމުކޮށް އޭނާއަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށާއި އޭނާ އަންނަނީ ބުޅާ މަސް އަޅައިގެން ކާތަކެތި އުފައްދަމުން ކަމަށް ބުނެފައެވެ. އެއާއެކު ކަމާ ގުޅޭ އިދާރާތައް އެލާޓްވެ އިމިގްރޭޝަނުން އޭނާ ހޯދުމުގެ މަސައްކަތް ރޭ ފެށިއެވެ.

އަދި އޭނާ އުޅޭތަން ހޯދާ އޭނާގެ ބަދިގެއަށް ވަދެ ތަން ބަލާ ފާސް ކުރިއެވެ. އެއަށްފަހު ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ މިއަދު ހެނދުނު ސިފަ ބަދަލު ކުރަން ބޯކޮށާ ތަނަކަށް ވަދެ ހުއްޓައެވެ.

ގަލޮޅު ސަހަރާ މަގުގައި ހުންނަ ރަނައުރާގެއާގެ ހަނި ގޯޅި ތޭރޭގައި ހަދާފައި ހުންނަ އަރަފާތުގެ ބަދިގެ ކުއްޔަށް ދިނީ މީގެ ތިން އަހަރު ކުރިން އޭނާ ދިރިއުޅުމަށެވެ. ގާތްގަނޑަކަށް 4 ފޫޓާއި 10 ފޫޓުގެ އެ ގޮޅި ވަނީ ތިން ބުރިއަށް ނަގާފައެވެ. އެތަނުގެ އެންމެ ތިރީބައި ކެއްކުމަށް ބޭނުން ކުރާއިރު ދެވަނަ ބައި ބޭނުން ކުރަނީ ގުދަނެއްގެ ގޮތަށެވެ. އަދި ތިންވަނަ ބައިގައި އޭނާ ނިދާ ހަދަމުން ދިޔައެވެ. އެ ގޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދިޔައިރު އެ މަންޒަރުތައް ބަލާލި ކޮންމެ މީހަކު ވެސް ހޮޑުލެވޭ ގޮތް ވިއެވެ.

ނުވާވަރެއްވެސް ނޫނެވެ. އެހާ ވެސް އެތަން މުޑުދާރެވެ. ފޮޓޯ ތަކާއެކު އާންމުން ހިޔާލު ފާޅު ކުރަމުންދާއިރު ބައެއް މީހުން ބުނާ ގޮތުގައި އެއީ އިންސާނުން ކެއުމަށް ބޭނުން ކުރާ ތަކެތި ހަދަން ހެޔޮ ނުވާވަރުގެ ނުތާހިރު ތަނެކެވެ. ތަރުތީބު ކަމެއް ނެތް އެބަދިގޭގެ ފުރިޖުގެ ގަނޑު ކުރާ ބައިގައި ކުޅުކުޅު ފަޔާއި ފުރެންދެން މަސް ލާފައި ހުއްޓެވެ. ފުރިޖުގެ ދޮރުފަތް ވެސް ލައްޕާލެވޭނީ ގަދަކަމުންނެވެ. އެހާވެސް ގިނައިން އެކި ޒާތްޒާތުގެ މަސް ހުއްޓެވެ.

ބަދިގެ ހުންނަ ބައިގައި ބަހައްޓައިފައި ހުރި ފްރިޖްގެ މަތީ ބައިގައި މަސް ރައްކާކޮށްފައި / ފޮޓޯ: ސޯޝަލް މީޑިއާ

ދެ ޑިފްރީޒަރެއް ހުރިއިރު އެއް ޑިފްރީޒަރުގެ އަތްގަނޑު ނެތެވެ. އަދި މަސް ކޮށުމަށް ބޭނުން ކުރަމުންދިޔައީ އަނެއް ޑީފްރީޒަރުގެ މަތިގަނޑު މަތީ ފިލާ ގަނޑެއް ބާއްވައިގެންނެވެ. އޭނާ އެ ތަނުގެ ތެރޭ ބަތާއި ރިހަ ކައްކައިގެން ބޭރު މީހުންނަށް ޕާރުސަލް ހަދައިގެން ވިއްކަ އެވެ. އަދި ކަންމަތީ ފިހާރަތަކުން ލިބެން ހުންނަ ސަބްމެރިން އާއި ސޭންޑްވިޗާއި ބާގާ ފަދަ އެކި ވައްތަރުގެ ތައްޔާރީ ކާނާ ވެސް ތައްޔާރުކޮށް ވިއްކައެވެ.

އޭނާގެ އުނދަގޫ ބޮޑުވެ އަވައްޓެރިންވެސް ވަނީ އެކި އިދާރާތަކުގައު މައްސަލަ ޖައްސާފައެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެދެވޭ ފިޔަވަޅެއް އަޅާފައި ނުވެއެވެ. އަދި އޭނާ ހައްޔަރު ކުރުމާއެކު އާންމުންގެ އިނގިލިތައް ވަނީ އެކި އިދާރާތަކަށް ހުއްޓިފައެވެ. މި ދަނޑިވަޅުގައި ބައެއް އާންމުން ތުހުމަތު ކުރާ ގޮތުގައި އޭނާ ވަނީ ބައެއް އިމިގްރޭޝަން އޮފިސަރުންނަށް ރިޝަވަތު ދީފައެވެ. އަދި އޭނާ ދޫކޮށްލާނެ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގު ކުރައްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ވިދާޅުވީ އެ ތުހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށާއި އަރަފާތު ދޫނުކުރާނެ ކަމަށެވެ.

އަރަފާތުގެ ވާހަކަ އިއްޔެ ފެތުރުމުން ގިނަ ދިވެހިންނަށް ލިބުނު ހައިރާން ކަމާއެކު އާންމުން ދަނީ އެފަދަ ތަންތަން ހޯދާ ބެލުމަށްފަހު ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.