ބުޅާ މަސް އަލައިގެން ކާބޯތަކެތި އުފައްދާ ބަންގްލަދޭޝަ ފިރިހެނަކު އިމިގްރޭޝަނަަށް ހާޒިރުވުމަށް އަންގައި އެމީހާގެ މައުލޫމާތު އާންމު ކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، އުމުރުން 32 އަހަރުގެ އަރްފަތު ހުސައިން ނަމަކަށް ކިޔާ ބަންގްލަދޭޗަ ފިރިހެނަކު ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހާޒިރުވުމަށް އަންގާ ކަމަށެވެ. އެ ގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެންދުނު 8 އިން ހަވީރު 4 އާ ދެމެދު މަޖީދީ މަގުގައި ހުންނަ މ. ސްޓާ ކްލައުޑް ބިލްޑިންގެ، 10 ވަނަ ފަންގިފިލާގެ ރިސްކް މެނޭޖްމަންތް ސެކްޝަން އަށް ހާޒިރުވުމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި މި މީހާ އާ ބެހޭ މައުލޫމާތާއި އޭނާ އުޅޭ ތަނެއް އިނގޭ ނަމަ އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ގުޅައި އެންގުމަށް ވެސް ވަނީ ބުނެފައެވެ. އީމެއިލް އިން އަންގާނަމަ ރިސްކް މެނޭޖްމަންޓް ސެކްޝަންގެ އީމެއިލް އަށް މެއިލް ކުރުމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނަށް ހާޒިރުވުމަށް ނެރެފައިވާ ނޯޓިސްގައި އެމީހާ ހޯދަނީ ކޮން ސަބަބަކާ ހުރެ ކަން ބުނެފައެއް ނުވެއެވެ. ނަމަވެސް ފެލިން ވެލްފެއާ އޯގަނައިޒޭޝަން ނަމުގައި އެކްސްގައި ހަދާފައިވާ އެކައުންޓަކުން އެމީހާގެ ވަނަވަރު އާންމުކޮށް ވަނީ އޭނާއަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށާއި އޭނާ އަންނަނީ ބުޅާ މަސް އަޅައިގެން ކާބީތަކެތި އުފައްދަމުން ކަމަށް ބުނެފައެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ވބިދޭސިންގެ މައްސަލަ ހައްލު ކުރުމަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަން މެދުވެރިކޮށް މިފަދަ ބިދޭސީންގެ މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.

އެގޮތުން އެފަދަ މީހުން އިމިގްރޭޝަނުން ހިފަހައްޓާ ޑީޕޯޓް ކުރަމުން އަންނަ އިރު، ގަވައިދާ ހިލާފަށް ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ވެސް އަންނަނީ ބަންދު ކުރަމުންނެވެ. އެ ގޮތުން ނުތާހިރު ތަންތަނުގައި ކާބޯތަކެތި ހަދާ މައްސަލަ ތައް ވެސް އަންނަނީ ފެންނަމުންނެވެ.