ހުޅުމާލެ ފޭސް 1 ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް އަޅާދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ކޮންޓްރެކްޓާ ފިނޭންސްގެ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތް ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ޕްރީބިޑް މީޓިން އޮގަސްޓް 26 ވަނަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާއިރު ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓް 26 ދުވަހުގެ 10:00 ގެ ކުރިން ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ވަނީ އެދިފައެވެ. އިއުލާނުގައިވާ ގޮތުން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 11:00 ގައެވެ.

ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު ގެއެވެ.

މިހާރު ވެސް މާލޭގައި "ދާރުލްއީމާން" ގެ ނަމުގައި ވަގުފު އިމާރާތެއް ހިންގަމުންދާއިރު ހުޅުމާލޭގައި ގާއިމްކުރާ އޮފީސް ކޮންޕްލެކްސް "ދާރުއްސަލާމް" ވެގެންދާނީ ރާއްޖޭގައި ގާއިމް ކުރާ އެންމެ ބޮޑު ވަގުފް ޕްރޮޖެކްޓަށެވެ.

20،000 އަކަފޫޓުގެ ބިމެއްގައި ގާއިމްކުރެވޭ މި އޮފީސް އިމާރާތުގެ ތެރޭގައި އޮފީސްގެ ޖާގައިގެ އިތުރުން ހޯލާއި، އަދިވެސް ގިނަ ވަސީލަތްތައް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ.