މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވުމުގެ ސަބަބުން ބިޔަ ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މި ގަސް ވެއްޓިފައިވަނީ ރެހެންދި ހިނގުން، ޓީވީ މޯލްޑިވްސް ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގެ މައްޗަށެވެ. މިކަމުގެ ސަބަބުން މި ކާރަށް ގެއްލުންވެފައިވާއިރު، މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ މި ގަސް މިހާރު ނަގާފައިވާ ކަމަށެވެ.
މީގެ ކުރިންވެސް މާލެއަށް ވައިގަދަވެ، މަގުމައްޗަށް ގަސްތައް ވެއްޓުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މެޓު އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. މިއަދު ހެނދުނު 10:00 އިން 14:00 އަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރަ މިހާ ގޯސްވީ ދުނިޔެ ވަށާ ދަތުރުކުރާ ކޮޅިގަނޑެއްގެ ބާރު އިންޑިއާ ކަނޑުގައި ގަދަވުމުން ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހުޅަނގު މޫސުމުގެ އެންމެ މޫސުން ގޯސް ދުވަސްތައް ކަމަށާއި، މިއަހަރުގެ ހުޅަނގު މޫސުން ފެށުނީ ވެސް ވަރަށް ވިއްސާރަކޮށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްތަކުގެ އިތުރުން މާލޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.