ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވި ކުދިންގެ ތެރެއިން އޮޕަރޭޝަން ނިންމުމަށް ފަހު 1 ކުއްޖަކު އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިފަދައިން ވިދާޅުވެފައި ވަނީ ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އެ ބައްދަލުވުމަކީ ވަރަށް މުހިންމު ގައުމީ މަސައްކަތެއްގެ އިތުރުން އިންސާނީ ހިދުމަތެއްކަން ފާހަގަ ކުރައްވާ އެކަމަނާ އިތުރަށް ވިދާޅުވީ ތެލެސީމިއާ އަކީ ރާއްޖޭގެ އެތައް އާއިލާތަކަކުން ތަހައްމަލުކުރަމުން އަންނަ ކަމެއް ކަމަށާއި އެކަން އޮތީ އިތުރަށް ވިސްނާ, ހޭލުންތެރިވާން ޖެހޭ ހާލަތެއްގައި ކަމަށެވެ.

އެގޮތުން މިހާރުވެސް 955 ކުއްޖަކު ސިއްހީ މި ހާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި ތިބިކަމަށާ އަދި 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ތެލެސީމިއާ ހުއްޓުވުމުގެ 10 އަހަރު ދުވަހުގެ މާސްޓަ ޕްލޭނާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާކުރަން ބޭއްވި ބައްދަލުވުން

އަދި މި ސަރުކާރުން ތެލެސީމިއާ މައްސަލައަށް ދޭ ހާއްސަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ފަރުވާ ފުރިހަމަ ކުރުމަށްފަހު ހެޔޮ ހާލުގައި ރާއްޖެ އައިސްފައިވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ތެެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ. ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ހުޅުމާލެއިން 72،000 އަކަފޫޓުގެ ބިން ހަމަޖެހިފައިވާއިރު އެ ހޮސްޕިޓަލް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން އިއުލާން ކޮށްފައެވެ.

އަދި ހަމައެހެންމެ ތެލެސީމިއާ ރާއްޖެއިން ނައްތާލުމަށް 10 އަހަރުގެ މާސްޓާ ޕްލޭންއެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ރާއްޖެއިން ތެލެސީމިއާ ބަލި ނައްތާލުން ނުވަތަ މިހާރަށްވުރެ ބޮޑު ތަނުން ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެވެ.