މާލެ ސަަރަހައްދުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދިން ފްލެޓް ލިސްޓު އިވެލުއޭޓްކުރުމުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމުގެ ގޮތުން ކައުންސިލުގެ ދައުރު އޮންނަ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މާލެ ސިޓީ ކައުންސިލަށް ވަޑައިގެން، ކައުންސިލަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ، ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މާލެ ސިޓީގެ މައްސަލަތައް ހައްލުވާނީ މާލޭގެ ރައްޔިތުން ހޮވާފައިވާ ކައުންސިލަރުންގެ ދައުރު އޮވެގެން ކަމަށާއި އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ފްލެޓް ލިސްޓުތައް މުރާޖައާކޮށް ނިމޭއިރު މާލެ ސިޓީ ކައުންސިލްގެ ދައުރު ވެސް އެކަމުގައި އޮންނާނެކަމުގެ ޔާގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އިވެލުއޭޝަން މަސައްކަތްތައް އަދި ނުނިމޭކަން ހައުސިން މިނިސްޓްރީއިން ދާދި ފަހުން ހާމަކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމިގެންދާނީ ކައުންސިލުގެ ދައުރެއް އޮވެގެން ކަމަށާއި ލިސްޓު އިވަލުއޭޓް ކުރުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ ދައުރު އޮންނާނެކަމަށެވެ. އަދި އެކަން ކައުންސިލާ ހިއްސާކޮށް ކޮމިޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކުރިއަށްވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރަސްމާލެ، ހުޅުމާލެ، ގުޅީފަޅު، މާލޭ، ވިލިމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ ހުރިހާ ދިމާލެއްގައި ފްލެޓް އެޅުމާއި ގޯތި ދިނުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ.

ރައީސް މިއަދު މިހެން، ވިދާޅުވެފައިވާއިރު ދާދިފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްވުމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑުފާޑުވިދާޅުވެފައެވެ. އެގޮތުން އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގަ ލަސްވާ ވާހަކަ ދެއްކި 'މީހުންނަށް' ހިއްކާފަ ބިން ދިނުމުންވެސް އެ ބިން ކަނޑާފައި، ނުދެވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.