ބަންގްލަދޭޝްގައި 2009 އިން ފެށިގެން ވެރިކަމުގައި ހުންނެވި ޝައިހު ހަސީނާގެ ވެރިކަން ވައްޓާލި ގޮތަށް އިންޑިއާގައިވެސް ކަން ހިނގާފާނެކަމަށް އިދިކޮޅު ބައެއް މެންބަރުން ވާހަކަ ދައްކަވާފައި ވާތީ ސަމާލުވުމަށް އިންޑިއާގެ ނައިބު ރައީސް ގޮވާލައްވައިފިއެވެ.
ނައިބުރައީސް ޖަގްދީޕް ދަންކަރު ވިދާޅުވީ، ބަންގްލަދޭޝްގައި ވީ ގޮތް އިންޑިއާގައި ވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށެވެ. ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވެ އޭނާ ވަނީ އެއީ ކަންބޮޑުވާ ޒާތުގެ ވާހަކަތަކެއް ކަމަށާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް ތިއްބެވި ބަޔަކު އެފަދަ ވާހަކައެއް ދެއްކެވުމަކީ 'ސަމާލުވެ ތިބެން ޖެހޭ' ކަމެއް ކަމަށެވެ.
ދަންކަރު އިޝާރާތް ކުރެއްވި ވާހަކަ ދައްކަވާފައި ވަނީ އިދިކޮޅު ކޮންގްރެސް އަށް ނިސްބަތްވެ ވަޑައިގަންނަވާ ސަލްމާން ހޫރުޝީދު އާއި މަނީ ޝަންކަރު އައްޔަރު އެވެ.
މިދިޔަ އަންގާރަ ދުވަހު އޮތް އޮތް ފޮތެއް ނެރުމުގެ ކުޑަ ރަސްމިއްޔާތެއްގައި ހޫރުޝީދު ވިދާޅުވެފައި ވަނީ، 'މިތާ [އިންޑިއާގައި] ހުރިހާ ކަމެއް ރަނގަޅަށް އޮތް ކަމަށް ފެނިދާނެ ކަމަށާއި، ނަމަވެސް ބަންގްލަދޭޝްގައި ހިނގަމުންދާ ފަދަ ކަމެއް މިތާގައިވެސް ހިނގާފާނެ' ކަމަށެވެ.
އައްޔަރުވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާ، ބަންގްލަދޭޝް އާއި އިންޑިއާ ގުޅުވާލައްވާފައެވެ.
ކޮންގްރެސްގެ ލީޑަރު ޝަޝީ ތަރޫރުވެސް ބައިވެރިވެ ވަޑައިގެންނެވި ފޮތް ނެރުމުގެ އެ ރަސްމިއްޔާތަށް ފަހު އޭނާ ވިދާޅުވީ، ހޫރުޝީދު ދެއްކެވި ވާހަކައިގެ އަސްލު މާނަ އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ބަންގްލަދޭޝްގެ ރައްޔިތުން ދިން މައިގަނޑު މެސެޖަކީ، ދެފުށް ފެންނަ މިނިވަން އިންތިހާބަކަށް ޖާގަ ދިނުމާއި ޑިމޮކްރަސީއެއްގެ މުހިންމުކަން ކަމަށެވެ.
މި ވާހަކަތަކަށް އިޝާރާތް ކުރައްވާ ދަންކަރު ވަނީ، ގާނޫނީ އޮނިގަނޑުގެ ތެރެއިން ލިބޭ އިމްތިޔާޒުތައް [މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކުމަށް ލިބޭ ގާނޫނީ އިމްތިޔާޒު] ތަކުގެ ބޭނުން ހިފައިގެން ދައުލަތާ އިދިކޮޅު ފިކުރުތަކުން އެކިއެކި ވާހަކަތައް ދައްކާކަމަށް ތުހުމަތު ކުރައްވާފައެވެ.
15 އަހަރުގެ ދިގު ވެރިކަމަކަށް ފަހު ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ފިއްލަވައިގެން ވަޑައިގެން މިހާރު ހުންނެވީ އިންޑިއާގައެވެ. އޭނާގެ ވެރިކަން ވައްޓާލުމުގައި އިސްދައުރެއް އަދާ ކޮށްފައި ވަނީ ބަންގްލަދޭޝްގެ ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނާއި ޒުވާނުންނެވެ.