އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ސުބުރަމާނިއަމް ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތްޕުޅުން ރައީސް މުއިއްޒަށް ވެދުން ދަންވާފައެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލުތައް އަދި ލިބިފައި ނުވި ނަމަވެސް ޖައިޝަންކަރު އޭނާގެ އެކްސް ގައި ވިދާޅުވެފައި ވަނީ، ދެގައުމުގެ ގުޅުން ހަރުދަނާ ކޮށް ދެގައުމުގެ ރައްޔިތުންނާއި ސަރަހައްދުގެ [އިންޑިއާ ކަނޑުގެ] ފައިދާއަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެން މި އުޅުއްވަނީ 3 ދުވަހު މުައްދަތަށް ކުރައްވާ ރަސްމީ ދަތުރެއްގައެވެ.

މި ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުން ދާ ބައެއް މަޝްރުއުތަކުގެ ނިމުން ފާހަގަ ކުރުމާއި އާ އެއްބަސްވުންތަކުގައި ސޮއިކުރުން ހިމެނެއެވެ. އެގޮތުން ޖައިޝަންކަރު ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އެ މަޝްވަރާތަކަށް ފަހު ދެގައުމު ގުޅިގެން ކުރިއަށް ދާނެ ދާއިރާތަކާއި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

އެގޮތުން، އުމްރާނީ ތަރައްގީ އާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިންނާއި، އެކިދާއިރާތަކުން މީހުން ބިނާ ކުރުމާއި މިހާރު ކުރިއަށް ދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި އިންޑިއާގެ ޕޭމަންޓް ގޭޓްވޭ ރާއްޖޭގައި ބޭނުން ކުރުން ފަދަ މުހިންމު ދާއިރާތަކުން ކުރިއަށް ދިޔުމަށް އެއްބަސްވެފައި ވެއެވެ.

މިފަދަ އެއް އެއްބަސް ވުމަކީ، ސިވިލް ސާވިސްގެ އިތުރު 1000 މުވައްޒަފުން ތަމްރީނު ކުރުމުގެ އެއްބަސް ވުމެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވާ 3 ދުވަހުގެ ދަތުރުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާފައި ވާ ބައެއް މަޝްރޫއުތައް ވަނީ އިފްތިތާހު ކޮށްފައެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާޗުއަލް ކޮށް އިފްތިތާހު ކުރި މަޝްރުއުތަކަކީ؛

  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމުކުރުން.
  • ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ.ގަން އިހައްދޫ ސްކޫލް ހއ. ދިއްދޫ އޭއީސީ ގައި އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުން.
  • ތ. ތިމަރަފުށި، ތ. ވޭމަންޑޫ، އަދި ގއ. ކޮނޑޭގައި މަގުބައްތި މަޝްރޫއުތައް ހަރުކުރުން.
  • ރ. އުނގޫފާރު ހޮސްޕިޓަލުގައި ގާއިމު ކުރި މެންޓަލް ހެލްތު ޔުނިޓް އިފްތިތާހު ކުރުން.

މީގެ އިތުރުން އިންޓަގްރޭޓެޑް ޕޭމަންޓް ސިސްޓަމާ ބެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ބަދަލުކުރުންވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.