އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ދިނުމަށްޓަކައި އެ ކަމަށް ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ޔޫޕީއައިގެ ހިދުމަތް ފެށުމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފައިވާއިރު މިނިސްޓްރީންވަނީ މިކަމާއި ގުޅޭ ތަފްސީލުތައް ހާމަކުރައްވާފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެމްއޯޔޫގެ ސަބަބުން އުފެދިގެންދާ، މައިގަނޑު ގުޅުމުގެ އަސާސަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ތަސައްވަރުކުރެވިފައިވާ ކުރިއޭޓާ އިކޮނޮމީގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުންކަމަށެވެ. އަދި އީކޮމާސް ދާއިރާ ތަރައްގީކުރުމާއެކު، މަލީ ބާޒާރުގައި ބައިވެރިވުން އިތުރުކޮށް، ފުޅާކުރުންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި އެމްއޯޔޫއާއި އެކު ޑިޖިޓަލް ޕޭމެންޓްތައް ހެދުމުގައި އިތުރަށް ފަސޭހަ އަދި ރައްކާތެރި ނިޒާމެއް ގާއިމްކޮށް އަދި ބޭރުގެ ނެޓްވޯކްތަކާ ގުޅިގެން ފަސޭހައިން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އީކޮމާސްގެ ނިޒާމުތައް އެދެވޭ ގޮތުގައި ބޭނުން ހިފުމަށް ރާއްޖޭގެ މާލީ އިދާރާތަކަށް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ ޔޫޕީއައި ސިސްޓަމުގެ ތެރެއިން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައިވާކަމަށެވެ. އަދި ރާއްޖެއާއި އެކު އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާ، އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް ޖައިޝަންކަރު ވިދާލުވިއެވ.

އިންޑިއާގައި 2016 ވަނަ އަހަރު ތައާރަފުކުރި ޔުޕީއައި ޕޭމެންޓަކީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ. އިންޑިއާއިން ވަނީ މިދިޔަ އަހަރު މި ހިދުމަތް ސްރީލަންކާއަށް ވެސް ތައާރަފުކޮށްފައެވެ.