ރަށްރަށުގައި ޖަހާފައިވާ މަގުބައްތިތަކުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ނިންމައިފިއެވެ.
މި ބައްދަލުވުމަކީ ކަނޑައަޅައިފައިވާ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް ކަރަންޓް ދޫކުރެވިފައިވާ މަގުބައްތިތަކަށް ދާއިމީ ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ވަނީ މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތީ ހައްލެއް މި އަހަރުތެރޭ ހޯދާ ގޮތަށް ވެސް ނިންމާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހުމަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރަށްރަށުގެ ކަރަންޓުގެ ހިދުމަތްތައް ހަރުދަނާ ކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޔޫއާރުއޭ އިން ކަނޑައަޅާފައިވާ ހާއްސަ މިންގަނޑަށް މަގު ބައްތިތައް އިސްލާހު ކުރުމަށް ފެނަކައިން ވަނީ ރަށު ކައުންސިލްތަކަށް އަންގާފައެވެ. އަދި އެކަން އިސްލާހު ކުރުމަށް 21 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ރާއްޖޭގެ 144 ރަށެއްގެ މަގުބައްތިތައް ހުރީ މިންގަނޑާ ހިލާފަށް ކަމަށް ފެނަކައިން ބުނެއެވެ.
ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވަނީ މި މަޝްރޫއަށް 85 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފެނަކައިން ލަފާ ކޮށްފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީން ފައިސާ ލިބުނު ނަމަވެސް ދީފައިވާ މުހުލަތުގައި ނުނިންމޭނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިއީ ނުހަނު ބޭނުންތެރި ކަމެއްކަން ހާމަ ކުރައްވާ ޝަރީފް އިތުރަށް ވިދާޅުވީ މިކަމަށް އިތުރު ވަގުތާއި ފައިސާ ބޭނުންވާ ކަމަށާއި ކައުންސިލްތަކަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރުމަށް އެލްޖީއޭއިން އިތުރު ކަމާ ގުޅުން ހުރި އިދާރާ ތަކާއި މަޝްވަރާ ކުރައްވާ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަގުބައްތިއަކުން ކަރަންޓު ޖެހި ރ. އުނގޫފާރުގެ ކުއްޖަކު ނިޔާވުމާ ގުޅިގެން ފެނަކައިން ވަނީ ރަށްރަށުގައި ހުރި މަގުބައްތިތައް ޔޫއާރުއޭގެ މިންގަނޑުތަކަށް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އެ ހާދިސާ ހިނގާފައި ވަނީ މަގު ބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ އިކުއިޕްމަންޓު ތަކުގެ ތެރޭގައި ހިމެނޭ އާތް ލީކް ސާކެޓް ބްރޭކާ (އީއެލްސީބީ) އަދި މިނިއޭޗާ ސާކެޓް ބްރޭކާ (އެމްސީބީ) ހަރުކުރެވިފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ވާތީ ކަމަށް ޔޫއާރުއޭއިން ވަނީ ބުނެފައެވެ.