ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ 3 ބިދޭސީއެއް އިމިގްރޭޝަނުން އިއްޔެ ހައްޔަރުކޮށްފައިވާއިރު، އެ ފަރާތްތަކުން އެގޭގައި ތައްޔާރުކުރަމުން ދިޔަ ކާބޯތަކެތި އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ އިއްޔެ ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރިކުރަމުން ދިއަ ގެއެއް ބަލައި ފާސްކުރުމާއި ގުޅިގެން ގިނަ ފަރާތްތަކަަކުން ދަނީ އެތަނުގައި ތައްޔާރުކޮށް ވިއްކަމުންދިއަ ކާބޯތަކެތީގެ ތަފްސީލު ދިނުމަށް އެދެމުން ކަމަށާއި އެއާއެކު އެ ތަފްސީލު ހާމަކުރަން ނިންމީ ކަމަށެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެގޭގައި ވިޔަފާރިއަށް ތައްޔާރުކޮށްފައިވަނީ:
- ތެލުލި ފަތް
- ގިނަ އަދަދެއްގެ ހަނާ ކުރި ފޯއް
- ހެލެނބެލި ހުތް
- އަތުޖެެހި
އިމިގްރޭޝަންއިން ބުނީ މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މިިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާ އިރު، އިމިގްރޭޝަން ވޮޗް އަށް ލިބޭ މައުލޫމާތާ ގުޅިގެން ގިނަ ތަންތަން މިހާތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ.
އެގޮތުން ޖުލައި 18 ވަނަ ދުވަހު ބިދޭސީ ބަޔަކު ހުޅުމާލޭގައި ގަރާޖަކާއި އެތަނުގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައި ފާސްކޮށް ވަނީ ޖުމްލަ 11 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޖުލައި 19 ވަނަ ދުވަހުވެސް ވަނީ ހުޅުމާލޭން 4 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީ އަންހެނަކު އަތުލައިގެންފައެވެ.
ޖުލައި 20 ވަނަ ދުވަހު ހަ ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު އަތުލައިގެންފައިވާ އިރު، ޖުލައި 21 ވަނަ ދުވަހު މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް ބިދޭސީ އަންހެނަކު ވަނީ އަތުލައިގެންފައެވެ.
އަޅުގަނޑުމެން ދިވެހިން މިފަދަތަކެތި ނުގަންނަންވީ ނޫންތޯ...ކާކުހަދާފައި ހުރި އެއްޗެހިކަން ކަށަވަރުނުވަންޏާ ނުގަންނާނީ..ދިވެހިން އެބަޖެހޭ ސަމާލުވާން،.