މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮނޑިއަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރައްވައިފިއެވެ.

މިދިޔަ މަހުގެ 20 ގައި ބޭއްވި ބައި އިލެކްޝަނުގައި މާލެ ސިޓީ ކައުންސިލުގެ ތިން ގޮނޑިވެސް ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއިންނެވެ. އެގޮތުން އިންތިހާބު ކާމިޔާބުކުރެއްވި މެންބަރުންނަނީ

- މައްޗަންގޮޅި މެދު ދާއިރާއަށް ފާތުމަތު އިޝާން

- ހެންވޭރު ހުޅަނގު ދާއިރާއަށް ޝައުފާ ސަލީމް

- ހުޅުމާލޭ ދާއިރާއަށް އަލީ އައިމަން

މިއަދު މީރުމާ މާލަމުގައި މި ކައުންސިލް މެންބަރުން، ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ ޑްރަގް ކޯޯޓުގެ ގާޒީ މުހައްމަދު ސަމީރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ކައުންސިލުތަކާ، އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން ގާއިމް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް 25 އަހަރުގެ މުއްދަތަކަށް ކައުންސިލުތަކަށް ފަޅު ރަށްތައް ލިބޭނެ މަގު ފަހިކޮށްދީފައިވާނެކަމަށް މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާތަނަށް އައިއިރު ރ. އިނގުރައިދޫ، ދ. ކުޑަހުވަދޫ އަދި މ. އަތޮޅު ކައުންސިލު އަދި ލ. މާވަށް ކައުންސިލުން ފަޅު ރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ މޭޔަރު އަލީ އާޒިމް ވިދާޅުވީ ރާއްޖެއަށް ތައާރަފުކުރި މަލްޓި ޕާޓީ ޑިމޮކްރަސީން ފެންނަ އެންމެ އުފާވެރި މަންޒަރަކީ ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރު ރައްޔިތުންނަށް އޮތުން ކަމަށެވެ. އަދި ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.