ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ 3 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަންއިން ބުނީ ކާބޯތަކެތި ތައްޔާރުކުރަމުނދިޔަ އެ ގެ ބަލައި ފާސްކޮށްފައި ވަނީ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް ބުނެ ހުށަހެޅި މި މައްސަލައާ ގުޅިގެން މިއަދު ހެނދުނު މާލެ ސަރަހައްދުން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ގަވާއިދާ ހިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަންއިން ބުނީ މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މިިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާ އިރު، އިމިގްރޭޝަން ވޮޗް އަށް ލިބޭ މައުލޫމާތާ ގުޅިގެން ގިނަ ތަންތަން މިހާތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ.
އެގޮތުން ޖުލައި 18 ވަނަ ދުވަހު ބިދޭސީ ބަޔަކު ހުޅުމާލޭގައި ގަރާޖަކާއި އެތަނުގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައި ފާސްކޮށް ވަނީ ޖުމްލަ 11 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޖުލައި 19 ވަނަ ދުވަހުވެސް ވަނީ ހުޅުމާލޭން 4 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީ އަންހެނަކު އަތުލައިގެންފައެވެ.
ޖުލައި 20 ވަނަ ދުވަހު ހަ ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު އަތުލައިގެންފައިވާ އިރު، ޖުލައި 21 ވަނަ ދުވަހު މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް ބިދޭސީ އަންހެނަކު ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ހިދުމަތް ދެމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީން އިއްޔެ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.