އަމިއްލަ މަސްލަހަތު އޮތް ހެޕީ މާކެޓްގެ ވެހިކަލް ޓޯ ކުރައްވައި އެންމެންނަށް ވެސް ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިފަދައިން ވިދާޅުވީ ހެޕީ މާކެޓްގެ ވެހިކަލް ޓޯ ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވަނީ ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުވަތަ ވަކި ހާއްސަ ނުކުރުމަށް ކަމަށެވެ. އަދި އެންމެންނަށް ވެސް ގާނޫނު ތަންފީޒު ކުރުމަށް ކަމަށެވެ.

ފުލުހުން އަދި އެހެން ތަންފީޒީ އިދާރާތަކުން އެގޮތުގައި ރާއްޖޭގެ ގާނޫނުތައް ތަންފީޒު ކުރާނެ ކަމަށް ވެސް މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފައެވެ.

ހެޕީ މާކެޓަކީ މިނިސްޓަރު އިހްސާނުގެ އަނބިކަނބަލުންގެ ބައްޕަގެ ވިޔަފާރިއެކެވެ. މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އިހްސާން ވަނީ ވިޔަފާރީގެ ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު، މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތެކެވެ.