މާރާމާރީ ހިންގި 6 ބިދޭސީން ޑީޕޯޓު ކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ރޭ މާލޭ އަސްރަފީމަގުގައި ބިދޭސީން ތަކެއްގެ މެދުގައި ހިންގާ ދެ މީހަކަށް ވަނީ ފަރުވާ ދީފައެވެ. އަދި މި ހާދިސާއާއި ގުޅިގެން 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.
އެ މީހުންގެ ވަނަވަރު އާންމު ކުރަމުން އިމިގްރޭޝަނުން ބުނީ، މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން 6 ބިދޭސީއަކު ފުލުހުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތު ތަކަށްބަލާއިރު ހައްޔަރުކޮށްފައި ވަނީ ހުސް ފިރިހެނުންނެވެ. އޭގެ ތެރޭގައި 29 އަހަރުގެ ދެ މީހުންނާއި 27 އަހަރުގެ މީހަކާއި 26 މީހެއްގެ އިތުރުން 40 އަހަރުގެ މީހެއް ހިމެނެއެވެ. އަދި ހަމައެހެންމެ 38 އަހަރުގެ މީހެއްވެސް ހިމެނެއެވެ. މި މީހުންގެ ފޮޓޯ އާއި އުމުރު އިމިގްރޭޝަނުން ހާމަކުރި ނަމަވެސް އެ މީހުން ނިސްބަތްވާ ގައުމުގެ މައުލޫމާތު އާންމުކޮށްފައި ނުވެއެވެ.
ރާއްޖޭގައި ބިދޭސީންނާ ގުޅޭ އެކި މައްސަލަތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއަށް ބަލާއިރު ގިނައީ ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ މީހުންނެވެ. އަދި މިފަދަ މީހުން ދަނީ އެކި އެކި ކުށްތަކަށް އަރައިގަންނަމުންނެވެ.
މިފަދަ މީހުން އަތުލައިގަތުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، މިދިޔަ ޖޫން މަހުން ފެށިގެން މި އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.