އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިންޑިއާގެ ދެކުނު ބިތުގެ ސިޓީއެއް ކަމަށް ވާ ކެރަލާގެ ފަރުބަދަމަތީ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ތިރި ހިސާބުތަކަށް ފެންގަނޑު ފައިބައިގެން ދިޔުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި އެތައް ސަތޭކަ ފުރާނައެއް ވަނީ ގެއްލިފައެވެ.
އެންމެ ބޮޑަށް އަސަރު ކުރި ވަޔާނަދް އަވަށަށް ފެންގަނޑު ފައިބައިގެން ދިޔަ ވަގުތަކީ އެ އަވަށުގެ ގިނަ ބަޔަކު ނިދާފައި ތިބި ވަގުތެއް ކަމުން އެ ހާދިސާގައި ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އަދި ފައިބައިގެން ކިސަޑާއެކު ބައެއް ގެތައް ފޮރުވި ބައެއް މީހުން ތާށިވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން ރައީސް މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު މޯދީއަށް ފޮނުއްވި މެސެޖުގައި ވަނީ އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
އަދި ހަމައެހެންމެ، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތް ކުރުމުގައި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުސތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި ހާދިސާގައި އެކި އެކި އަނިޔާވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އަންނަ އިރު, ބޯކޮށް ވެހޭ ވާރޭގެ ސަބަބުންނާއި އެ ސަރަހައްދަށް ދެވެން އޮންނަ ބްރިޖަށް ގެއްލުން ވެފައި ވުމުގެ ސަބަބުން ދަނީ ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ.
ކެރެލާއަކީ އާންމުކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ގިނަ ސިޓީއަކަށް ވާއިރު 2018 އިން ފެށިގެން މިހާތަނަށް ހިނގި މިފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރައެވެ.