ފަތުރުވެރިކަމުގެ ގަދަ 3 ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނުމަށް އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ މިހާރު މިކުރެވޭ މަސައްކަތްތަކާއެކު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، އެމްއެމްޕީއާރްސީއާއެކު ކުރެވޭ މަސައްކަތްތަކުން އުއްމީދު ބޮޑު ކަމަށެވެ.

ފައިސަލް ވިދާޅުވީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިިޔުމަށް ރާވާފައިވާ ކަމަށާއި، އެގައުމުގެ އެއާލައިންތަކާއި ވާހަކަ ދައްކާ އެގައުމުން ރާއްޖެއަށް ބާއްވާ ދަތުރުތައް އިތުރުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ބާއްވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އިންޑިއާއަށް މި މަހުގެ 29 ވަނަ ދުވަހު ފުރާވަޑައިގެންފައެވެ. މި ދަތުރުގައި ފައިސަލް ވަނީ ދިވެހި ރާއްޖެއާއި އިންޑިއާ އާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންޑްރަ ސިންގް އާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ރޯޑްޝޯ ދިއްލީގައި މިހާރު ކުރިއަށް ދާއިރު މި ހަރަކާތުގައި އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ 150 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެއެވެ.

އެމްއެމްޕީއާރްސީއިން ބުނީ "ވެލްކަމް އިންޑިއާ" ރޯޑްޝޯގެ މަގްސަދަކީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ލަގްޒަރީ ރިސޯޓްތަކާއި ހިތްގައިމު ގެސްޓްހައުސްތަކާއި މުއްސަނދި ސަގާފީ ތަރިކަތައް ދައްކާލުން ކަމަށެވެ. އަދި އިތުރުވަމުންދާ ޑިމާންޑްގެ ބޭނުން ހިފައި، އިންޑިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގޫބުލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަކީ މަގުސަދެއް ކަމަށް ވެސް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.

މި ރޯޑްޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ޖުލައިގައި ނިއުދިއްލީގައި، 01 އޮގަސްޓްގައި މުމްބާއީގައި އަދި 03 އޮގަސްޓްގައި ބެންގަލޫރުގައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާ މިހާރު އޮތީ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ހަ ވަނައިގައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ޗައިނާ އެވެ. ދެވަނައަށް ރަޝިޔާ އަދި ލިސްޓުގެ ތިންވަނައިގައި އޮތީ ޔޫކޭ އެވެ. ޗައިނާއިން ޖުމްލަ 147،241 ފަތުރުވެރިން ރާއްޖެ އައިސްފައި ވާއިރު ރަޝިއާ އިން އައިސްފައި ވަނީ 120،366 ފަތުރުވެރިންނެވެ. އަދި ޔޫކޭ އިން 101،402 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.