މާލޭގެ ފަޅު ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކައިރި ގެތަކުން ޖުމްލަ 48 މީހުން އެހެން ތަންތަނަށް ގެންދިޔަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މ. އޯކިޑް ޕްލާޒާގޭގައި ޖަމާކޮށްފައި ހުރި ކުނިތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ރޭގެ މެންދަމު 3:30 ހާއިރު އެވެ. އަދި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ މަސައްކަތަުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:50 ހާއިރު އެވެ.
މި ހާދިސާ އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާއިން ބުނީ އަލިފާނުގެ ހާދިސާ ހިނގި ގޭގެ ކައިރި ހުރި ގެތަކުން 48 މީހަކު އިވަކުއޭޓް (ހުސްކޮށްފައިވާ) ކަމަށެވެ. އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭކަމަށްވެސް އެ އޮތޯރިޓީން ވަނީ މައުލޫމާތު ދީފައެވެ.
އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާއިރު ހުރިހާ އެންމެން ވެސް އަނބުރާ ގެތަކަށް ވައްދާފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަ ކުރިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ.
ފަޅު ގެތަކުގައި ހުންނަ ކުނި ފުނިފުނީގައި ރޯވެ މީގެ ކުރިންވެސް އަލިފާނުގެ ހާދިސާތައް ހިނގާފައި ވެއެވެ. މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބކީ ކައިރި ގެތަކުގެ ދިރިއުޅޭ މީހުން ސިނގިރޭޓު ބުއިމަށްފަހު އެއްލާލައި ފިލްޓަރުތަކުގެ ސަބަބުންނެވެ. އަދި މިފަދަ ހާދިސާތައް މީހުން ދިރިއުޅޭ ގެތަކުގައި ވެސް ހިނގާފައި އެބަހުއްޓެވެ.