ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ 59 ވަނަ މިނިވަންދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައެވެ.

ނައިބު ރައީސް ދެއްވި މެސެޖުގައި ވިދާޅުވީ މިނިވަންކަމަކީ ގައުމަކަށް ލިބޭނެ އެންމެބޮޑު ނިއުމަތް ކަމަށެވެ. އަދި ގައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެން ކަމަށެވެ.

ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ގައުމު ސަލާމަތްކޮށްދޭ ކަމުގައެވެ. އަދި ދިވެހި މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރެއްވި ވަރުގަދަ ބަތަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރެއްވުމަށާއި ގައުމުގެ ސުލްހަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.