ނަކަލުކޮށްފައިވާ ވިސާއެއްގައި އޮޅުވާލައިގެން ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު ހުއްޓުވައި، ޑީޕޯޓުކޮށްލައިފިއެވެ.

އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ވިސާއެއް ހިމެނޭ ޕާސްޕޯޓެއްގައި ރާއްޖެއިން ފުރަން މަސައްކަތް ކޮށްފައިވަނީ 32 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. މި މަހުގެ 22 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ހުއްޓުވި ބިދޭސީ މީހާ މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި އޭނާގެ އެއްވެސް ވަނަވަރެއް އިމިގްރޭޝަނުން ހާމަކޮށްފައި ނުވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުންނާއި ފުލުހުން ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިފަދަ 1000 އަށްވުރެ ގިނަ މީހުން އަތުލައިގަނެ އިމިގްރޭޝަނުން ވަނީ ޑީޕޯޓުކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.