ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރާ ފަރާތްތަށް ހޯދައި އެފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

"މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަލީ އިހްސާން ވިދާޅުވީ ޒަމާނުއްސުރެ ގާނޫނާ ގަވާއިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތްކަމަށާއި، އެ ސަގާފަތް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި ވާކަމަށެވެ. އެހެންކަމުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން އެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޓްރެފިކް ޕޮލިސް އަލުން އުފައްދާ، ޓްރެފިކާ ގުޅުންހުރި މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. "މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ގާނޫނަށް ގެންނަ ބަދަލުތައް "ތުނޑުން ތުނޑަށް" ތަންފީޒްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން އިހްސާން ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލްގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރާ ފަރާތްތައް ހޯދައި ގާނޫނުގެތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އާންމުންނަށް އުދަނގޫވާގޮތަށް ގަވާއިދާ ހިލާފަށް އާންމުންނަށް އުނދަގޫވާގޮތަށް ޕާކްކުރާ އުޅަނދުތައް ޓޯކުރަމާއި، ފޭކް ނަންބަރު ބޯޑު ޖަހައިގެން ދުއްވުމާއި، އަޑުގަދަވާގޮތަށް ސައިކަލުގެ ސައިލެންސަރު މޮޑިފައިކޮށްގެން ދުއްވާ ދުއްވުން ހުއްޓުވާނެކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ ރައީސްގެ ހާއްސަ ހުއްދަ އާއި އެކުގައި މާލޭގެ މަގުތަކުގެ ކަންމަތިތަކާ، ސްކޫލްތަކުގެ ކައިރިއާއި، ހޮސްޕިޓަލްތަކުގެ ކައިރިއާއި، އަދި މިސްކިތްތަކަށް ވަންނަ ތަންތަނުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.