ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިއަދު ހެނދުނު ހުޅުމާލޭގެ 12 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މި މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާ އިރު، އިމިގްރޭޝަން ވޮޗާއެކު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަން ވޮޗްގެ ޒަރިއްޔާއިން ރިޕޯޓްކުރާ މައްސަލައާއި ރިޕޯޓްކުރާ މައްސަލަތަކުގެ ސިއްރިއްޔާތު ހިފެހެއްޓޭނެ ކަމަށާއި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ހާލަތްތަކުގައި އެގޮތަށް ވެސް ރިޕޯޓް ކުރެވޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ޕްރެލްޓްފޯމު މެދުވެރިކޮށް އާންމުންނަށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެން އަންނައިރު މި ގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެވި މިފަދަ މައްސަލަތައް ބެލުމަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެއެވެ. މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުން ކަމަށް ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މި ދިޔަ ނޮވެމްބަރު 17 އިން ފެށީގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ގަވައިދާ ހިލާފަށް އުޅޭ 2013 ބިދޭސީއަކު ޑީޕޯޓް ކޮށްލާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށް ޑީޕޯޓް ކުރަމުން އަންނަ އިރު، މި ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވަނީ ވިދާޅުވެފައެވެ.