ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިއްޔެ މާލޭގެ 02 ތަނެއް ބަލައި ފާސްކޮށްފައެވެ.

މޯލްޑިވްސް އިިމިގްރޭޝަނުން ބުނީ މީގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއް ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއްކަމަށެވެ. އެގޮތުން މިތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ 01 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން ރޭ ވަނީ ހުޅުމާލޭގައި ބިދޭސީން ވިޔަފާރި ކުރަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" ލޯންޗުކޮށްފައި ވާއިރު މި ހިދުމަތަކީ އާންމުންނަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ފަދަ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓް ކުރުމަށް ފަސޭހަވާނެއެވެ.