ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ރޭ ހުޅުމާލެއިން ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ރޭ ވަނީ ހުޅުމާލޭގެ 6 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ރޭ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" މި މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާ އިރު، މިއީ އިމިގްރޭޝަން ވޮޗް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބިދޭސީން އުޅޭ ތަނެއް ބަލާ ފާސްކުރި ތިން ވަނަ ފަހަރެވެ.
މއެގޮތުން މި މަހުގެ 18 ވަނަ ދުވަހު ބިދޭސީ ބަޔަކު ހުޅުމާލޭގައި ގަރާޖަކާއި އެތަނުގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައި ފާސްކޮށް ވަނީ ޖުމްލަ 11 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމައެއާއެކު އިއޔްެ ވެސް ވަނީ ހުޅުމާލޭން 4 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީ އަންހެނަކު އަތުލައިގެންފައެވެ.
އިމިގްރޭޝަން ވޮޗްގެ ޒަރިއްޔާއިން ރިޕޯޓްކުރާ މައްސަލައާއި ރިޕޯޓްކުރާ މައްސަލަތަކުގެ ސިއްރިއްޔާތު ހިފެހެއްޓޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ހާލަތްތަކުގައި އެގޮތަށް ވެސް ރިޕޯޓް ކުރެވޭނެއެވެ.
މި ޕްރެލްޓްފޯމު މެދުވެރިކޮށް އާންމުންނަށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެން އަންނައިރު މި ގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެވި މިފަދަ މައްސަލަތައް ބެލުމަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެއެވެ. މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުން ކަމަށް ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން މި ދިޔަ ނޮވެމްބަރު 17 އިން ފެށީގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ގަވައިދާ ހިލާފަށް އުޅޭ 2013 ބިދޭސީއަކު ޑީޕޯޓް ކޮށްލާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށް ޑީޕޯޓް ކުރަމުން އަންނަ އިރު، މި ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވަނީ ވިދާޅުވެފައެވެ.