މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް އާ ކައުންސިލަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ކައުންސިލަރުން ހޮވުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން، ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖަހަންދެން ކުރިއަށް ދާނެ ކަމަށެވެ.

މިއަދު ބައި-އިލެކްޝަނެއް ބާއްވަނީ ދެ ކައުންސިލަކަށް ރައީސުންނާއި ދެ ސިޓީއަކަށާއި ރަށަކަށް ކައުންސިލަރުންނާއި ދެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ. އެއީ:

  • ޅ. އަތޮޅު ކައުންސިލްގެ ރައީސް
  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
  • ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު
  • ރ. ހުޅުދުއްފާރުގެ ކައުންސިލަރު
  • ރ. ރަސްމާދޫގެ އަންހެން ކައުންސިލަރު
  • ހުޅުމާލޭގެ ކައުންސިލަރު
  • ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު
  • މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ވޯޓުލުމުގެ ހައްގު ލިބިގެންވާ 13،112 މީހުންގެ ތެރެއިން ހެނދުނު 11 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 1،047 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަށް ޕަސެންޓެވެ.

ބައެއް ކައުންސިލަރުންގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ބައެއް ކައުންސިލަރުން، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމާ ގުޅިގެންނެވެ.