ހުޅުމާލޭގައި ވިޔަފާރި ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގެންދަނީ މިިދިޔަ ނޮވެމްބަރުން ފެށިގެން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. ސިލްސިލާކޮށް މާލެ ސަރަހައްދުގައި ހިންގަމުންދާ މި އޮޕަރޭޝަންގެ ތެރެއިން ވަނީ މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުވެސް ކޮށްފައެވެ.
އިމިގްރޭޝަނުން ވަނީ މި އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް މިދިޔަ ބުދަ ދުވަހު އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ "އިމިގްރޭޝަން ވޮޗް" އިފްތިތާހްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ ބިދޭސީން ދެނެގަތުމަށް އިތުރަށް ފަސޭހަކޮށްފައެވެ.
އެއާއެކު އިމިގްރޭޝަން ވޮޗަށް ލިބުނު މައުލޫމާތާ ގުޅިގެން ރޭ ހުޅުމާލޭގެ 4 ތަނެއް ބަލައި 2 އަންހެން ބިދޭސީން ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި އޮންލައިން ޕްލެޓްފޯމާއެކު ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަން އިތުރަށް ފުޅާ ވެގެންދާނެއެވެ.
މި ޕްލެޓްފޯމުގެ ޒަރިއްޔާއިން ރިޕޯޓްކުރާ މައްސަލަތަކުގެ ސިއްރިއްޔާތުވެސް ހިފެހެއްޓޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ޕްލެލްޓްފޯމު މެދުވެރިކޮށް އާންމުންނަށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. އަދި މި ގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެވި މިފަދަ މައްސަލަތައް ބެލުމަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން މިދިޔަ ނޮވެމްބަރު 17 އިން ފެށީގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ގަވައިދާ ހިލާފަށް އުޅޭ 2013 ބިދޭސީއަކު ޑީޕޯޓް ކޮށްލާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށް ޑީޕޯޓް ކުރަމުން އަންނަ އިރު، މި ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވަނީ ވިދާޅުވެފައެވެ.