ހުޅުމާލޭގައި ބިދޭސީ ބަޔަކު ހިންގަމުން ދިޔަ ގަރާޖަކާއި ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައި ފާސްކޮށް 11 މީހަކު ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، ބިދޭސީ ބަޔަކު ހުޅުމާލޭގައި ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން “އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ މައުލޫމާތާއެކު މިއަދު ވަނީ އެތަން ބަލައި ފާސްކޮށްފައި ކަމަށެވެ. އެގޮތުން އިމިގްރޭޝަނުން ހާޒިރުވިއިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ނަމަވެސް ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން 3 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިތަނާއި ގުޅޭގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" އިއްޔެ އިފްތިތާހު ކޮށްފައިވާ އިރު، މިއީ އިމިގްރޭޝަން ވޮޗް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބިދޭސީން އުޅޭ ތަނެއް ބަލާ ފާސްކުރި ފުރަތަމަ ފަހަރެވެ.
އިމިގްރޭޝަން ވޮޗްގެ ޒަރިއްޔާއިން ރިޕޯޓްކުރާ މައްސަލައާއި ރިޕޯޓްކުރާ މައްސަލަތަކުގެ ސިއްރިއްޔާތު ހިފެހެއްޓޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ހާލަތްތަކުގައި އެގޮތަށް ވެސް ރިޕޯޓް ކުރެވޭނެއެވެ.
މި ޕްރެލްޓްފޯމު މެދުވެރިކޮށް އާންމުންނަށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެން އަންނައިރު މި ގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެވި މިފަދަ މައްސަލަތައް ބެލުމަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެއެވެ. މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުން ކަމަށް ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން މި ދިޔަ ނޮވެމްބަރު 17 އިން ފެށީގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަނީ ގަވައިދާ ހިލާފަށް އުޅޭ 2013 ބިދޭސީއަކު ޑީޕޯޓް ކޮށްލާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކޮށް ޑީޕޯޓް ކުރަމުން އަންނަ އިރު، މި ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވަނީ ވިދާޅުވެފައެވެ.