މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެތި އަތުލާ ޖަލުގައި ގާނޫނާ ގަވައިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ މަސައްކަތް ފެށީ ގައިދީއަކު ޖެހި ފޭސްބުކް ސްޓޭޓަސްއަކުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވަނީ އޮޕަރޭޝަން ފެށުނު ގޮތުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެ މައްސަލައަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ އޮޕަރޭޝަން ފެށީ އަމިއްލަފުޅަށް އެކަން ތަޖުރިބާ ކުރެވުމުން ކަމަށެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތްތާ ފުރަތަމަ މަސް ތެރޭގައި ފޭސްބުކް ފީޑުން އާދަޔާ ހިލާފު ޕޯސްޓެއް ފެނިވަޑައިގަތް ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ޕޯސްޓު ކުރީ އޭނާ ދަންނަ ޖަލުގައި ބަންދުކޮށްފައި ހުރި މީހެއްކަން އެނގިވަޑައިގެންނެވި ހިސާބުން އަވަހަށް އެ މީހާގެ ވަނަވަރު ހޯދައި އެ ގޮޅި ރެއިޑްކުރި ކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި އެ ދުވަހު އެ ގޮޅިން ފޯނެއް ހޯދި ނަމަވެސް ޖެހިގެން އައި ދެވަނަ ދުވަހު ވެސް އެ ގައިދީ ސްޓެޓަސް ޖެހުމުން އަނެއްކާވެސް ގޮޅި ރެއިޑްކޮށް ފޯނު ހޯދި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތަށް ތިންފަހަރު އެކަން ހިނގި ކަމަށް މިނިސްޓަރު ވަނީ ހިއްސާ ކުރައްވާފައެވެ.
"ދެވަނަ ފަހަރަށް ރެއިޑްކޮށް އަނެއްކާ ވެސް ފޯނެއް ހޯދި. އެކަން ތަކުރާރުކޮށް ތިން ފަހަރު ވުމުން, މިއީ ސިސްޓަމްގެ މައްސަލައެއްކަމާއި ހައްލު ހޯދޭނީ އެތެރެއިން ކަން އިނގުނު'' އެވާހަކަތައް ހިއްސާ ކުރަމުން އިހުސާން ވިދާޅުވިއެވެ.
އަދި އޭރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެސް އިރުޝާދުގެ މަތިން ފޯނު ވެއްދުމުގައި ހަރަކާތްތެރިވާ ޖަލު އޮފިސަރުންނާއި އެކަން ކުރާ ނެޓްވޯކް ދެނެގަނެވުނީ ތިން މަސް ދުވަހުގެ ބޮޑު އިންޓެލިޖެންސަކުން ކަމަށެވެ. އަދި އެފަދަ ނެޓްވޯކްތަކުގެ ބޮޑުބައި މިހާރު ހައްލުވެފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
މާފުށީ ޖަލުގައި އެވްރެޖްކޮށް ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފެންނަ ކަމަށާއި އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި އަޅަމުންދާ ކަމަށް މިނިސްޓަރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
މާފުށި ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު ސަރުކާރުން ދަނީ އެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތް ކުރަމުންނެވެ.އެގޮތުން ދާދިފަހުން ވަނީ ގައިދީންނަށް ފޯނު ފޯރުކޮށްދޭ ޖަލު އޮފިސަރުންތަކެއް ހައްޔަރުކޮށްފައެވެ.