ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ރޭ ބަލާ ފާސްކުރި ހުރިހާ ބިދޭސީންގެ އަތުގައި ސައްހަ ވިސާ އޮތްކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ރޭ މާލެ ސަރަހައްދުން 4 ތަނެއް ބަލާ ފާސްކުރި ކަމަށާއި، އޭގެތެރޭގައި ފަހާ ތަނަކާއި މޯބައިލް ސާވިސްކުރާ ދެ ތަނެއްގެ އިތުރުން ދެ ފިހާރައެއް ހިމެނޭ ކަމަށެވެ.

އެގޮތުން މި ތަންތަނުގައި މަސައްކަތް ކުރަމުން ދިޔަ ހުރިހާ ބިދޭސީންގެ ސައްހަ ވިސާ އޮއެއް ކަމަށާއި، ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ހާމަ ކުރައްވަމުން އިމްިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، މިހާރު ހިންގަމުން އަންނަ އޮޕަރޭޝަން ހާއްސަކޮށްފައި ވަނީ ރާއްޖޭގައި އަމިއްލައަށް ދިވެއްސަކާ ނުގުޅި ވިޔަފާރި ކުރާ ބިދޭސީންނާއި އެ ވިޔަފާރީގައި މަސައްކަތް ކުރާ ފަރާތްތައް ހޯދުމަަށް ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ސީރިއަސް ކްރައިމްތަކަށް އަރައިގަންނަ ފަރާތްތައް ވެސް ފާހަގަވެފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް 2013 ބިދޭސީއެއް ވަނީ ޑީޕޯޓް ކޮށްފައި ކަމަށާއި މިހާރު ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން 120 ފަރާތެއް ވަނީ އިމްިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި އެ 120 ބިދޭސީން ރާއްޖެއިން ޑީޕޯޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީންނަށް ގާނޫނުގައި ބޮޑެތި އަދަބުތައް ވަނީ ކަނޑައެޅިފައެވެ. އެގޮތުން އެފަދަ ފަރާތްތައް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެން ވެއެވެ.