ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް ހާއްސަކޮށް ލޭބާ ކުއާޓާރުތަކެއް ހެދުމަށް މެލޭޝިއާގެ ކުންފުންޏަކުން އިސްނަގައިގެން ޕްރޮޕޯސަލް ހުށަހަޅާފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ޖުމްލަ ތިން ދާއިރާއެއްގައި މިހާރު މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ގަވައިދާ ހިލާފުވާ މީހުން އަދި ވިސާ ވައިލޭޓް ކުރާ މީހުންނާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމާއި ރެކްރޫޓްމެންޓާއި ވޯކް ޕާމިޓާ، ވޯކް ވިސާ އިޝޫ ކުރުން އަވަސްކޮށް މިހާރަށް ވުރެ ހަރުދަނާކޮށް ސިސްޓަމުގައި ހުރި 'ލޫޕްހޯލްސް' ތައް ދެނެގަނެ އެކަން ހައްލުކުރުން ހިމެނޭ ކަމަށެވެ. އަދި ގަވައިދާ ހިލާފުވާ މީހުންނާ ދޭތެރޭ ހަރުދަނާ އަވަސް ފިޔަވަޅުތައް އެޅުމަކީވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމުގައި އިހްސާން ވިދާޅުވިއެވެ
މީގެ އިތުރުން އިހްސާން ވިދާޅުވީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ވެލްފެއާގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހޯދާ ދިނުމާއެކު، އެމީހުންނަށް މިހާރު އުޅޭވަރަށްވުރެ ރަނގަޅު މާހައުލެއް ހޯދައި ދިނުމުގެ މަސައްކަތްވެސް ހިމެނޭކަމަށެވެ. މި ގޮތުން ސަރުކާރުގެ ވިސްނުމަކީ އެމީހުންގެ އެކޮމަޑޭޝަންތަކެއް ރާއްޖޭގައި ގާއިމު ކުރުން ކަމަށް އިހްސާން ވިދާޅުވިއެވެ. މިކަމުގެ ބޭނުންތެރިކަން ހާމަކުރައްވަމުން އިހްސާން ވިދާޅުވީ މާލޭގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ތިބީ ކިތެއް މީހުންތޯ އެނގުނީ އަލިފާން ނިވި މީހުންގެ ހަށިގަނޑު ގުނައިގެން ކަމަށެވެ. އަދިވެސް ބައެއް މީހުންނަކީ ކޮން ބައެއްކަން ނޭނގޭކަން ފާހަގަ ކުރައްވަމުން އިހްސާން ވިދާޅުވީ ބައްޔެއް ފެތުރިގެންދާ އިރުވެސް މިކަން ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ބިދޭސީން އުޅޭ އޮކަމަޑޭޝަންތައް ރަޖިސްޓާ ކުރެވި އެތަންތަން ބެލެހެއްޓުމަކީ މިހާރު ކޮންމެހެންވެސް ދައުލަތަށް މުހިއްމު ކަމެއް ކަމުގައި އިހްސާން ވިދާޅުވިއެވެ.
ލޭބާ ކުއާޓާރުތަކެއް ހެދުމަށް މެލޭޝިއާގެ ކުންފުންޏަކުން އިސްނަގައިގެން ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ހާމަކުރައްވަމުން އިހްސާން ވިދާޅުވީ އެ ޕްރޮޕޯސަލްއަކީ ރަނގަޅު ހުށައެޅުމެއް ކަމަށް ވުމުން އެއްބަސްވުމެއް ގާއިމު ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. މިދިޔަ މާޗް 1 ވަނަ ދުވަހު ހުށަހެޅި ޕްރޮޕޯސަލަކީ ބިދޭސީ މަސައްކަތްތެރިން ހާއްސަކޮށް އަންސްކިލްޑް ލޭބާސް ކެޓަގަރީގައި ހިމެނޭ މަސައްކަތްތެރިން ރާއްޖެ އައިސް މަސައްކަތް ކުރާއިރު އެމީހުން ދިރިއުޅެން އެކޮމޮޑޭޝަން ބްލޮކްތަކެއް އެޅުމުގެ ޕްރޮޖެކްޓެއް ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި މިއީ މެލޭޝީއާގެ ކުންފުނިން ފަންޑުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށް އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ ޕްރޮޖެކްޓް ހުށަހެޅި ކުންފުނިން ފާހަގަކޮށްފައިވާ ގޮތުން މާލެ ސަރަހައްދުގައި ލައްކައެއްހާ ބިދޭސީން އުޅޭތީ މާލެ ސަރަހައްދުގައި އެއްލައްކަ މީހުންގެ ބްލޮކްސް އެ ޕްރޮޖެކްޓް ތެރެއިން އެޅުމަށް ހުށަހަޅާފައި ވާކަމަށެވެ. އެގޭތެރޭގައި މިހިމެނެނީ ހުޅުމާލެ ފޭސް 1 އަދި 2، އަދި ތިލަފުށި ހިމެނޭހެން 4 ސަރަހައްދެއްގައި އެކޮމޮޑޭޝަން ބްލޮކްތަކެއް ގާއިމު ކުރުން ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި 1000 އަށް ވުރެ ގިނަ ބިދޭސީން އުޅެމުން އަންނަ ރަށްތަކުގައި މިފަދަ ފެސިލިޓީތައް ހެދުމަށް ހިމަނާފައި ވާކަމަށް އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހްސާން ވިދާޅުވީ އެ ޕްރޮޕޯސަލްގައި ވާ ގޮތުން އެކޮމޮޑޭޝަން ބްލޮކް އަޅާފައި ހުންނައިރު އެތާނުގައި ވަކި ކަހަލަ ސާވިސްތައް ހުންނާނެ ކަމަށް ވަނީ ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ބިދޭސީންނަށް ފަރުވާ ދެވޭނެ ކްލިނިކާ، ފައިސާ މެނޭޖްކުރެވޭ ގޮތަށް އޭޓީއެމް ސާވިސް، ބޯކޮށާތަނުގެ އިތުރުން ލޯންޑްރީ ސާވިސް އާއި ބަދިގެ ފެސިލިޓީސް، ކާ ތަންތަން އަދި ނަމާދު ކުރެވޭނެ ގޮތަށް އެކޮމޮޑޭޝަން ބްލޮކްތައް ހެދުމަށް ވަނީ ހުށަހަޅާފައެވެ. އަދި ވޯކް ސައިޓްތަކަށް އެމީހުން ގެންދިޔުމަށްޓަކައި ބަސް ދަތުރުތައްވެސް ހަމަޖެއްސުމަށް މި ޕްރޮޕޯސަލްގައި ހިމެނިފައިވެއެވެ.
އިތުރަށް އިހްސާން ވިދާޅުވީ މިކަން ކުރުމަށް އެ ކުންފުނިން ހުށަހަޅަނީ ދިވެހި ސަރުކާރުން ދައްކާ ބިމެއްގައި ސަރުކާރުން ހުށަހަޅާ ކުއްޔެއްގައި ކަމަށެވެ. އަދި ޕްރޮޕޯސަލްގައި ބުނާގޮތުން އެތަނުގައި ދިރިއުޅޭ ކޮންމެ މީހަކަށް 120 ޑޮލަރު ޗާޖު ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ކަމަށާއި މިހާރުވެސް ބިދޭސީން ދިރިއުޅެމުންދާ ތަންތަނަށް ކުލި ދެއްކުމަށް މުސާރައިގެ ތެރޭގައި ހިމަނައިގެން 1500 ނުވަތަ 2000 ރުފިޔާ ދެމުންދާ ކަަމަށެވެ.
އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބައޯމެޓްރިކަލީ ވެރިފައިޑް ރާއްޖޭގެ ސިސްޓަމްތަކަށްވެސް އިންޓަގްރޭޓްކުރެވިފައި ހުރި ސޮފްޓްވެއާ ސޮލިއުޝަނެއްވެސް ޕްރޮވައިޑްކޮށްދޭނެ ކަމަށް މެލޭޝިޔާގެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައިވާކަމަށް އިހްސާން ވިދާޅުވިއެވެ. އެގޮތުން އެމީހުން އެތަނުގައި ހުރި މުއްދަތާ، ވަދެ ނުކުތުމުގެ ލޮގިންތައްވެސް ފަސޭހައިން ބެލެހެއްޓޭނެ ކަމަށް އިހްސާން ވިދާޅުވިއެވެ. މި ޕްރޮޖެކްޓް ނިމިގެން އަންނައިރު މާލޭގައި ސާޅީސް ހާސް ބިދޭސީން އަދި ހުޅުމާލެ، ތިލަފުށި ގައި ވިހި ހާސް ބިދޭސީން އެކޮމަޑޭޓްކުރެވޭނެކަމަށް އިހްސާން ވިދާޅުވިއެވެ.
މިއީ ސަރުކާރުންވެސް ކުރަން ބޭނުންވެފައިވާ ކަމަކަށް ވާތީ މެއި 13 ވަނަ ދުވަހު އިންވެސްޓް މޯލްޑިވްސްއަށް މި ޕްރޮޕޯސަލް ފޮނުވާފައިވާ ކަމަށާއި މި ޕްރޮޖެކްޓަށް ރާއްޖެއިން އެއްބަސްވާން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންވެސްޓް މޯލްޑިވްސްއިން މި ޕްރޮޕޯސަލް ބެލުމަށް ފަހު ރައީސް އޮފީހަށް ޖޫން 9 ވަނަ ދުވަހު ފޮނުވާފައިވާއިރު، މި ޕްރޮޖެކްޓަށް އެއްބަސްވުމަށް ނިންމާ ކުންފުންޏަށް އަންގާފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.މީގެ އިތުރުން އިހްސާން ވިދާޅުވީ މިކަމާއި ގުޅޭ އެއްބަސްވުމެއްގައި އަދި ސޮއިކޮށްފައި ނުވާކަމަށާއި، އެ ކުންފުނީގެ ފައިނަލް ނިންމުންތައް ލިބުމުން އެގްރިމެންޓަކާއި ހަމައަށް ދާނެކަމަށެވެ.