ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް ތަފާތު އެކިއެކި ދައުވާތައް އުފުލައި އެކިއެކި މުއްދަތަށް ހުކުމް ޖަހަމުން ގެންދާއިރު, މިހާރު ޖަލުގައި ހުންނެވި ކައިވެނީގެ މައްސައިގެ ހުކުމް ބާތިލް ކޮށްފިއެވެ.
2018 ގައި އިމްރާން ކައިވެނި ބައްލަވައިގަތް ބުޝްރާ ހާން, އާންމު ނަމުން ނަމަ ބުޝްރާ ބީބީ އާ ކައިވެނި ބައްލަވައިގަތީ އިސްލާމީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ދައުވާކޮށް މައްސަލަ ސާބިތު ކުރީ މިއަހަރުގެ ފެބްރުއަރީގައި ބޭއްވި އާންމު އިންތިހާބުގެ ކުޑަދުވަސް ކޮޅެއްގެ ކުރިންނެވެ. އޭރުވެސް އިމްރާން ހުންނެވީ, ދައުލަތުގެ ސުއްރުތަކެއް ހާމަ ކުރެއްވުމުގެ ކުށާއި, ދައުލަތަށް ލިބުނު ހަދިޔާތަކެއް ވިއްކަވައި މަންފާ ހޯއްދެވިކަމުގެ ކުށް ސާބިތުވެ ޖަލު ގައެވެ.
އިމްރާންގެ ފަރާތްޕުޅުން ކައިވެނީގެ ހުކުމް އިސްތިއުނާފު ކުރުމަށް މިދިޔަ މަހު ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ އިސްތިއުނާފު ދެވެން ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ވަކީލުން އެ މައްސަލަ އިސްލާމްއާބާދުގެ ކޯޓަކަށް ހުށަހެޅުމުން މިއަދު ނިންމާފައިވަނީ, އެ ކުށުން އެ ދެކަނބަލުން ބަރީއަވާ ކަމަށެވެ.
ކައިވެނީގެ ހުކުމާއި އަދި ހަދިޔާ ވިއްކެވުމާއި ސިއްރު ހާމަ ކުރެއްވުމުން އައި ހުކުމްތައް ބާތިލު ކޮށްފައި ވީ ނަމަވެސް އިމްރާނަށް ޖަލުން ނިކުމެވަޑައިގެންނެވޭކަށް ނެތެވެ.
އޮފިޝަލުން ބުނަނީ, މިދިޔަ އަހަރު ރަށުތެރޭގައި އިމްރާންގެ ޕާޓިން ހިންގި ހަމަނުޖެހުމުގެ ޒިންމާ އިމްރާން އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށާއި އެކަމުގެ ތަހުގީގު ހިނގަމުން ދާތީ ކަފާލާތުގެ ދަށުންވެސް ދޫކޮށްލެވެން ނެތް ކަމަށެވެ. އެ ހަމަނުޖެހުން ހިނގި އިރު އިމްރާން ޖަލުގައި ހުންނެވި ނަމަވެސް ލާހޯރުގެ އެންޓި ޓެރަރިޒަމް ކޯޓުން އަމުރު ކޮށްފައި ވަނީ, އެ މައްސަލައިގައި އިމްރާން ހައްޔަރު ކުރުމަށެވެ.
ކައިވެނި ކޭސްގެ މައްސަލަ އަކީ ބުޝްރާގެ ކުރީގެ ފިރިކަލުން ހުވާރު މަނެކާ ހުށަހެޅުއްވި މައްސަލައެކެވެ. އޭނާ ވިދާޅުވެފައި ވަނީ ބުޝްރާ އިމްރާނާ ކައިވެނި ބައްލަވައި ގެންނެވީ, އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް ވަރިވާތާ 3 މަސް ހަމަ ނުކޮށް ކަމަށެވެ.